ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޮޑުފޮޅުދޫ، މަތިވެރި، ގާފަރު އަދި ދަނގެތި ސެމީއަށް  
ބޮޑުފޮޅުދޫ ފުޓްސަލް ޓީމް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސެންޓްރަލް ޒޯން 1 ގައި ބޮޑުފޮޅުދޫ ކުޅުނު ދެވަނަ މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނައަށް ޖެހިލިއިރު، އެ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މަތިވެރި، އަދި ދެވަނަ މެޗުން މޮޅުވެ ގުރޫޕްގެ ދެވަނަ ހޯދި ދަނގެއްޗާއި، އެ ގުރޫޕްގެ އެއްވަނަ ހޯދި ގާފަރު ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކ. ހިންމަފުށީގައި ކުރިޔަށް ސެންޓްރަލް ޒޯން 1 ގެ ދެ މެޗު އިއްޔެ ވެސް ކުޅުނެވެ. އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އއ. ގެ ފުޓްސަލްގެ ގަދަ ދެ ބާރު ކަމުގައިވާ މަތިވެރި އާއި ބޮޑުފޮޅުދޫ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި ދެ ޓީމު ވެސް ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ދެ ޓީމު ވެސް މޮޅުވެފައިވާތީ މި މެޗަކީ ގުރޫޕް އޭގެ އެއްވަނައަށް އަރަން ދެ ޓީމަށް ވެސް ލިބިފައިވާ އެންމެ ރަނގަޅު ފުރުސަތެވެ. ވާދަވެރި ފޯރިގަދަ ވަރުގަދަ މެޗަކަށް ވާނެ ކަމަށް ބެލެވުނު މި މެޗު ބޮޑުފޮޅުދޫ ކާމިޔާބުކުރީ ހީކުރި ވަރަށްވުރެ ފަސޭހަކޮށް، ބޮޑު ތަފާތަކުން ނެވެ.

މި މެޗުގެ ފުރަތަމަ މިނިޓްގައި މަތިވެރީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑުން ބޮޑުފޮޅުދޫއަށް ލީޑު ލިބުނުއިރު، މެޗުގެ 12 ވަނަ މިނިޓްގައި މުޙައްމަދު މިދުހަތު ވަނީ މަތިވެރިއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު އިތުރު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ކުރެވިފައެއް ނުވެ އެވެ.

މިވެސް ކިޔާލަން:  ކުޑަހުވަދޫ އާއި ކެޔޮދޫ ސެމީ ފައިނަލަށް

ދެވަނަ ހާފަށް ކުޅެން ނުކުމެ ބޮޑުފޮޅުދޫން ވަނީ 24 ވަނަ މިނިޓްގައި ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާހިދު އިބްރާހިމް އެވެ. ދެވަނަ ލަނޑަށް މާ ގިނައިރެއް ނުވެ އަޙްމަދު މާއިން ޖަހައިދިން ލަނޑުން ބޮޑުފޮޅުދޫއިން ލީޑު ފުޅާކުރިއިރު، މެޗުގެ ފަހު މިނިޓްގައި ޔޫސުފް ރައްޔާން އެ ޓީމަށް އިތުރު ލަނޑެއް ޖަހައިދިނެވެ.

4-1 އިން ބޮޑުފޮޅުދޫ މޮޅުވެ ގުރޫޕްގެ އެއްވަނައަށް ޖެހިލި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޮޑުފޮޅުދޫ ޓީމުގެ އަޙްމަދު މާއިން އެވެ.

ސެންޓްރަލް ޒޯން 1 ގެ އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ އދ. ދަނގެއްޗާއި މަންދޫ އެވެ. އދ. އިން މި މުބާރާތުގައި ބައިވެރިވި މި ދެ ޓީމުގެ އަތޮޅު ފައިނަލްގައި ބައްދަލުކުރި މެޗުގައި ވެސް ފެނުނު ފަދަ ވާދަވެރި ފޯރިގަދަ ކުޅުމެއް މި މެޗުގައި ވެސް ވަނީ ފެނިފަ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި ދެ ޓީމުން ކުޅުނު ދެވަނަ މެޗެވެ.

ފުރަތަމަ މެޗުން ދެ ޓީމު ވެސް ބަލިވެފައިވާތީ މުބާރާތުގައި ކުރިޔަށް ދިއުމަށް މޮޅުވާން މަޖުބޫރު މި މެޗުގައި ފުރަތަމަ މިނިޓުން ފެށިގެން ލަނޑު ޖެހުމަށް ދެ ޓީމުން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ލަނޑު ދަނގެތިން ޖެހީ ފުރަތަމަ ހާފުގެ ފަހު މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ނާއިމް އެވެ. ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން މި ހާފުގައި ވެސް މަންދޫއަށް ނުކުރެވި ދިޔައިރު، މި ހާފުގެ ކުރީކޮޅު ހުސައިން އަފްސަލް ދަނގެތީގެ ދެވަނަ ލަނޑު ޖަހައިދިނެވެ.

މިވެސް ކިޔާލަން:  މަތިވެރި އާއި ގާފަރު ފެށީ މޮޅަކުން

2-0 އިން ދަނގެތި މޮޅުވެ ގުރޫޕް ބީގެ ދެވަނައަށް ޖެހިލި މި މެޗާއިއެކު ސެންޓްރަލް ޒޯން 1 ގެ ގުރޫޕް ސްޓޭޖް މެޗުތައް ވަނީ ނިމިފަ އެވެ.

ސެންޓްރަލް ޒޯން 1 ގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 21 ވަނަ ދުވަހުގެ ހަވީރާއި ރޭގަނޑު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top