ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބޮޑުފޮޅުދޫ އާއި ގާފަރު ފައިނަލަށް
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސެންޓްރަލް ޒޯން 1 ގެ ފައިނަލަށް ބޮޑުފޮޅުދޫ އާއި ގާފަރު ދަތުރުކޮށްފި އެވެ.

ސެންޓްރަލް ޒޯން 1 ގެ ސެމީ ފައިނަލް ދެ މެޗު މިއަދާއި މިރޭ ކުޅެފައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ބޮޑުފޮޅުދޫ އާއި ދަނގެއްޗެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ލަނޑު ޖެހުމާއި އެއްވަރަށް ޑިފެންސް ކުރުމަށް ވެސް ދެ ޓީމުން ސަމާލުކަންދީގެން ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބޮޑުފޮޅުދޫއިން ނެވެ. 30 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިރުޚާން އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ދަނގެތިން ވަނީ އޭގެ އިރުކޮޅެއް ފަހުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޝަމްހާން އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ބޮޑުފޮޅުދޫއިން ކާމިޔާބުކުރީ 4-3 އިން ނެވެ. ބޮޑުފޮޅުދޫގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިރުޚާން، ހުސައިން ނަވާޒް، މުޙައްމަދު އާސިފް އަދި އަލީ ޝަނީޒް އެވެ. ދަނގެތީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ، މުޙައްމަދު ރަޒާން، މުޙައްމަދު ފައްޔާހް އަދި ހުސައިން އަފްސަލް އެވެ.

މިވެސް ކިޔާލަން:  މަތިވެރި އާއި ގާފަރު ފެށީ މޮޅަކުން

5-4 އިން މެޗު ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ބޮޑުފޮޅުދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު ޝިރުޚާން އެވެ.

ސެންޓްރަލް ޒޯން 1 ގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގާފަރާއި މަތިވެރި އެވެ. މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އައި ގާފަރުން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗު ފެށުމާއިއެކު ލީޑު ހޯދުމަށް ދެ ޓީމުން ވެސް މަސައްކަތްކުރި މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ގާފަރުން ނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު 13 ވަނަ މިނިޓްގައި ގާފަރަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ރިމާހް އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި މަތިވެރިން ވަނީ ފުރަތަމަ ހާފުގެ ނިމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ހާފުގެ ފަހު މިނިޓްގައި މަތިވެރިއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ނަސީމް އެވެ.

ދެވަނަ ހާފުގައި ގާފަރުން ވަނީ ފުރަތަމަ ހާފަށްވުރެ މޮޅު ކުޅުމެއް ދައްކައި އިތުރު ތިން ލަނޑު ޖަހައިފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ގާފަރުގެ ދެވަނަ ލަނޑު ޝަނާން ރަޝާދު ކާމިޔާބުކޮށްދިންއިރު، ތިންވަނަ ލަނޑު 39 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އިބްރާހިމް ރިމާހް އެވެ. މެޗުގެ އިތުރު ވަގުތުގައި ޝަނާން ރަޝާދު ކާމިޔާބުކުރި ދެވަނަ ލަނޑާއިއެކު 4-1 އަށް ނަތީޖާ ބަދަލުކޮށްލި އެވެ.

މިވެސް ކިޔާލަން:  ތިމަރަފުށި، ވޭމަންޑޫ އަދި ވާދޫ ފެށީ މޮޅަކުން

ބޮޑުފޮޅުދޫ އާއި ގާފަރު ބައްދަލުކުރާ ސެންޓްރަލް ޒޯން 1 ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top