ދީނީ ސުވާލެއް އޮތީތަ؟
ބިރުވެރި
ނޭދެން ވަކިވާކަށް – ދެވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“ކަލެއަކަށް ދެން ނޯންނާނެ އިތުރު ގޮތެއް. ވަރަށް ގިނަ ފުރުސަތު ދީފިން. އެކަމެއް ކަލެއަށް ބަލައެއް ނުގަނެވުނު. އޭރު ވެސް އަހަރެން ބުނިންދޯ.. އެއްބަސްވުމާއި ޚިލާފު ވެއްޖެއްޔާ ކަލޭގެ ކަރުގަ ހިތިރަހަ ލައްވާލާނަމޭ. ހަނދާން އެބަހުރިތަ؟” އިވުނީ އަންހެނެއްގެ އަޑެވެ. މީހަކު ނުފެނެ އެވެ. ރުޅިއާއި ނަފުރަތުން ފުރިގެންވީ އިންޒާރު ދިނުމެއްފަދަ އެއަޑާއިއެކު ބާރު ގުގުރިއެއް ޖެހިއެވެ. ވިދާލި ވިދުވަރާއިއެކު ބަޔަކު ހީނގަތް އަޑު ވެސް އިވުނެވެ. އެތަނުގައި އެ އަންހެން މީހާގެ އިތުރުން ފިރިހެނުންތަކަކާއި އިތުރު އަންހެނުން ތަކެއް ވެސް ތިބި ކަހަލަ އެވެ.

“ހެޔޮނުވާނެ. ތިހެން ނުހަދާ. އަދި އެއް ފުރުސަތު ދީ. ބޮޑު ޚަރަދެއް ކޮށްގެން ދަރިން ގޮވައިގެން އައިސް އެއަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން މިތަނުގައި މި ހުންނަނީ ވެސް އެއްބާރުލުން ދޭން ބޭނުންވާތީ އެއްނު. މިރޭ އަހަރެން ކަލެއަށް ތިކަން ކޮށްދޭނަން. ކޮންމެ ގޮތަކުން ވިޔަސް ކަލޭ ތިޔަ ބޭނުން ކަންތައް ކޮށްދޭނަން. ކަލޭ ތިޔަ ބޭނުން ފުރުސަތު ފަހިކޮށްދޭނަން. ބޭނުންވާ ގޮތަށް ޒުވާން ފިރިހެނަކު ކަލޭގެ އަތްމައްޗަށް ގެނެސް ދޭނަން.” އަނދިރިގަނޑާއި ދިމާއަށް ބަލަހައްޓައިގެން ހުރި ފިރިހެން މީހާ އާދޭސް ކުރިއެވެ.

“ފަހު ފުރުސަތު.. ހަނދާން ކުރާތި އަހަރެން ބަލާނީ ބަރާބަރު ބާރަ ޖަހަންދެން.” ވިދާލި ވިދުވަރެއްހެން އަލިފާން ކަންޏެއް މައްޗަށް އަރައިގެން ގޮސް ގެއްލުނެވެ.

“އެހެން އެއްވެސް ގޮތެއް ނެތް ދަރިފުޅާ. މިރޭ މިކަން ކާމިޔާބު ވެއްޖެއްޔާ ދެން ދަރިފުޅު ނުޖެހޭނެ ތިޔަ ހާލުގައި އުޅޭކަށް. ހިތްވަރު ކޮށްލާ.” އެ ފިރިހެން މީހާ ފަހަތަށް އެނބުރުނެވެ. އެއީ މައިނާ އާއި މައިހާގެ ބައްޕައެވެ.

ދެން އެތަނުގައި ހުރީ މައިހާ އެވެ. ހުއްޓުމެއް ނެތި ރޮމުންދިޔަ މައިހާގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނައަށް މެދުކެނޑުމެއް ނައެވެ. ދެބަފައިންގެ މެދުގައި އެހެން ވެސް ވާހަކަތަކެއް ދެކެވުނެވެ. އެއީ އެއްވެސް މީހަކަށް އިވޭން ބޭނުންނުވާ ސިއްރު ވާހަކަތަކެކެވެ. އެމީހުންގެ ހަރަކާތްތަކުން އެކަން ޔަގީން ވެއެވެ.

ސިކުންތުތައް މިނިޓްތަކަށް މިނިޓްތައް ގަޑިތަކަށް ބަދަލުވަމުން އައިސް ރޭގަނޑުގެ 11 ޖަހަނީ އެވެ. ނިވާކަންކުޑަ ޒަމާނީ ހެދުމަކާއި ފުރިހަމަ މޭކަޕުން ޒީނަތްތެރި ވެފައިހުރި މައިހާގެ ރީތިކަން މިހާރު އިންތިހާއަށް ފުރިހަމައެވެ. އެ ރީތިކަމާއި ފަރިކަމަށް ހިތް ނުކިޔާނެ ޒުވާން ފިރިހެނަކު ނުހުންނާނެކަން ޔަގީނެވެ.

މަގުތަކުން ފެންނަމުން ދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. މައިހާ ހިނގަމުން ދިޔައީ ވަކި ކަންތައްތަކަކަށް ސަމާލުކަންދީ ވިސްނައިގެންނެވެ.

އަލަމްމިއާއަށް މައިހާ ފެނުމާއިއެކު ކަޅި ހުއްޓުނެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި އެތައް އިރަކު ހުއްޓެވެ.

“ބޭނުންތަ؟” މައިހާ މަޑުމަޑުން އޭނާއާ ގާތްވެލިއެވެ. ވަށައިގެން ހޯދާ ވެސް ލިއެވެ. އެހިސާބުގައި އިތުރު މީހަކު ނުވަތަ ކެމެރާއެއް ކަހަލަ އެއްޗެއް ވެސް ނެތެވެ. އޭނާއަށް އެކަން ޔަގީނެވެ.

“ބަރާބަރު ބޭނުން.” އޭނާ ހުރީ އަރައި ހިކިފައެވެ.

“ތައުޒަން ގެނޭ.” މައިހާ އަގު ކިއެވެ. އަލަމްއަށް އެއަގު ކަމުދިޔައެވެ. އެ ދެމެދުގައި އެހެން ވެސް ވާހަކަތަކެއް ދެކެވުނެވެ. ފައިސާގެ ކަންތައް ހަމަޖެހުނެވެ. އެހެން އެއްވެސް މީހަކަށް ޝައްކެއް ވެސް ނުވާހާ ސިއްރުން ހުރިހާކަމެއް ނިންމައިލިއެވެ.

މައިހާ އާއި އަލަމް ފޭބީ އިރުމަތީފަރާތު ތުނޑިއާއި މާ ދުރުނޫން ހިސާބެއްގެ ގޮނޑޮދޮށުގައި ހެދިފައިވާ ބޯކަށިކެޔޮ ގަސްތަކާއި ދިމާއިން އަތިރި އަށެވެ. ދީފައިވާ ނަލަ ހަނދުވަރުގެ ސަބަބުން މުޅިބިން ވަނީ އަލިވެ އުޖާލާވެފައެވެ. އަލަމް ބޭނުންވި ފަދައިން އޭނާއާ ގާތް ވުމުގެ ފުރުސަތު މައިހާ ދިނެވެ. ވަގުތާއި ހާލަތުގެ މަޖުބޫރީ ކަމެއް ނޫނީ އޭނާ އެކަމަށް ފަރިތައީކަމެއް ނޭނގެއެވެ. މައިހާގެ ކިބައިގައި އެއްވެސް ލަދުވެތިކަމެއް ދެކޮޅުވެރިކަމެއް ނެތެވެ.

ބިންމަތީ އޮށޯވެލައިގެން އޮތް އަލަމްގެ ގައިމަތީ، އޮށޯވެލައިގެން އޮތް މައިހާ މަޑުމަޑުން އިސްފުލުލާލަމުން އަލަމްގެ މޫނަށް ބަލައިލިއެވެ. އިޝްޤީމަސްތީ ކަނޑެއްގައި ފަތަމުން އުފާކުރަމުންދިޔަ އަލަމްގެ ދެލޮލެއް ނުހުޅުވެއެވެ.

ކުއްލިއަކަށް ފެނުނީ ގަސްތަކުތެރެއިން ނުކުތް އަންހެނެކެވެ. ބައްޓަމާއި ސޫރަ އެންމެ ވައްތަރީ މައިހާ އާއެވެ. ސިއްސައިގެންދިޔަ ނަމަވެސް މައިހާ ހަމަޖެހުނެވެ. ކުރިމަތިން ފެންނަން ހުރީ ހަމަ އޭނާއެވެ. އެއްވެސް ތަފާތެއް ނެތެވެ. އަލަމްގެ ގައިމަތިން މައިހާ ތެދުވިކަމާއި ފަހުން ފާޅުވި އަންހެންމީހާ އަލަމްގެ ގައިމަތީ އޮށޯތްކަމެއް އަލަމްއަށް އެނގޭހެނެއް ހިޔެއް ނުވެއެވެ.

އިތުރުވަމުންދިޔަ ގައިގޯޅިކަމާއިއެކު ދެމީހުންގެ ކިބައިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވިއެވެ.

ފުރުސަތު ލިބުމާއިއެކު މައިހާ ދުވެފައި ކަހަލަ ގޮތަކަށް އެއްގަމަށް އެރިއެވެ. ވަރަށް ވިސްނައި ސަމާލުވެގެން އެއްގަމަށް އެރި މައިހާ ގެއާއި ދިމާއަށް މިސްރާބުޖެހީ އެހެން މަގަކުންނެވެ.

“މިއީ ޔަގީން ރޭ. ކަލޭމެން ބަލަން ތިބޭ މިރޭ މިކަން ހަމައަކަށް އަޅުވާނަން.. މާދަމާއިން ފެށިގެން ކަލޭމެނަށް މީނާ ފެންނާނީ އެންމެ ބަރާބަރު މީހެއްގެ ގޮތުގަ.” އިވުނީ ފިރިހެނެއްގެ އަޑެވެ. ހީވާގޮތުން އެއީ އުމުރުން ދުވަސްވެފައިވާ މުސްކުޅި ފިރިހެނެއްގެ އަޑެވެ.

“ގަފޫރުބޭގެ ކުޅަދާނަކަމަށް އަހަރުމެން ޝައްކެއް ނުކުރަން. އެހެންވެއެއްނު އެހާދުރުން މިރަށަށް މި ގެނައީ ވެސް.” އެހެން ފިރިހެނެއްގެ އަޑު އިވުނެވެ.

އެއީ ދުވަސްވެ ބާވެފައިވާ ފަޅު ގެއެކެވެ. އެތަނުގައި އުމުރުން ދުވަސްވީ ފިރިހެނަކާއި ޒުވާން އުމުރުގެ ދެ ފިރިހެނުން ތިއްބެވެ. ކޮޓަރިގަނޑެއްހެން ހުރި އެތަނުގެ މެދުގައި ބަހައްޓާފައިހުރި ފަތްޖެހި އެނދުގައި ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު އޮތެވެ. އޭނާ އޮތީ ލޯ މަރާލައިގެންނެވެ. ފާރު ކައިރީ ބަހައްޓާފައިހުރި ދެ އުއްބައްތިން ލިބެމުންދާ އަލިކަން ފިޔަވައި އެއްވެސް އަލިކަމެއް އެތަނުގައި ނެތެވެ.

އުމުރުން ދުވަސްވީ ގަފޫރުބޭ އެ ޒުވާނާގެ ވަށައިގެން ހިނގަމުން ދުން އަޅަމުން ކޮންމެވެސް އެއްޗެއް ކިޔަވަމުން ދިޔައެވެ. ދެން ތިބި ދެމީހުން ނޭވާ ހިފަހައްޓާލައިގެން ތިބީ ގޮތަށް ތިބީ އެވެ.

“ކޮބާ ކިހިނެއްވަނީ؟ އޭނާ އައިސްފިތަ؟ ނިވާކަން ކުޑަ ގަދަރަތް ކުލައިގެ ހެދުމެއް ލައިގެން ހުންނާނީ. އެންމެ ފަހުގެ ޒުވާން އަންހެން ކުއްޖެއް. ވަރަށް ރީތިކޮށް މޭކަޕްކޮށް ފުނާ އަޅައިގެން ހުންނާނީ. ބިރުގަންނާކަށް ނުޖެހޭނެ. އޭނާ ކަލެއަކަށް މާބޮޑު ކަމެއް ނުކުރާނެ.” އެ ޒުވާނާގެ މޫނާއި ދިމާއަށް ގުދުވެލަމުން ގަފޫރުބެ ވާހަކަ ދެއްކިއެވެ.

“ނޫން.” އޮތް ގޮތަށް އޮވެ ޒުވާނާ ޖަވާބު ދިނެވެ. އަޑު އައީ އޭނާގެ އަނގައިން ނަމަވެސް އޭނާގެ ތުންފަތަށް އެއްވެސް ހަރަކާތެއް ނާންނަކަން ޔަގީނެވެ.

“އަދި އަންނާނެ. ހިތްވަރު ކޮށްލައިގެން އޮވޭ.. އުފާވެރިކަން އޮތީ ކުރިޔަށް.” ގަފޫރުބެ ދިނީ ޔަގީންކަމެވެ. އަދި އަޑު އަހަން ބޭނުންވާފަދަ އުންމީދީ ހަބަރެކެވެ.

ރަށުތެރެއަށް ފެތުރިފައި އޮތް ހަމަހިމޭންކަމާއި ފަޅުކަން ކުއްލިއަކަށް، ފިލައި ދިޔައީ ރަށުތެރެއަށް ފެތުރިގެން ދިޔަ ފަތިސްނަމާދު ވަގުތުގެ ބަންގީގެ އަޑާއިއެކުއެވެ. ރަށުތެރެއަށް ދިރުން އަންނަން ފެށީ މަޑުމަޑުންނެވެ. ޖަމާއަތުގެ ފަތިސްނަމާދަށް އިސްކަން ދިން މީހުން މިސްކިތާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެފަދަ ކަންކަމަށް ލޯތްބާއި ސަމާލުކަން ދިން އަންހެންވެރިން ވެސް ފަތިސްނަމާދު ކުރުމާއިގެން އަވަސްވިއެވެ.

މުޅިރަށަށް ސިހުން ގެނުވި ބޮޑު ޚަބަރު ފެތުރިގެން ދިޔައީ މެންދުރެއްކަން ހާއިރުއެވެ. ސިހުރު ހަދާކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކާއި ދެ ޒުވާނުން ހައްޔަރުކުރިއެވެ. ހިކި ދަރުފައެއްގައި އަލިފާން ޖައްސައިލި ކަހަލައެވެ. އޭގައި އަލިފާން ހިފާހާ ފަސޭހައިން މުޅިރަށަށް ޚަބަރު ފެތުރުނެވެ.

މިންހާލްއަށް އެ ޚަބަރު ލިބުނީ ކެފޭގައި އިންދައެވެ. ރޭގައި ފެނުނު ހުވަފެންމަތިން ހަނދާންވީ ދެނެއެވެ. އެއާއެކު އެއީ ކޮންބައެއްތޯ ބަލާލަން އޭނާގެ ހިތް އެދުނެވެ.

އެބުނާ ގެއެއް ކައިރިއަށް މިންހާލް ދިޔައީ ރައްޓެއްސަކާއި އެކުއެވެ.

މިންހާލްއަށް ޔަގީނެވެ. އެއީ އެގެއެވެ. އެތަނުގައި ތިބީ އެމީހުންނެވެ. އޭރުވެސް އެގެ ޗެކުކުރުމުގެ މަސައްކަތް ކުރިއެވެ. ހުވަފެނުން ފެނުނުއިރު އެނދުގައި އޮތް ޒުވާނާ އެތަނުގައި ނެތެވެ.

ވަގުތުތައް ފާއިތުވަމުން ދިޔަ ވަރަކަށް ފެތުރެމުންދިޔަ އަޑުތައް ގިނަވަމުން ދިޔައެވެ.

ރަށުތެރެއަށް ފެތުރުނު ބައެއް ވާހަކަތަކަށް ބަލައިލާއިރު، އިރުމަތީފަރާތު ތުނޑިއާއި މާ ދުރުނޫން ހިސާބެއްގެ ގޮނޑޮދޮށުގައި ހެދިފައިވާ ބޯކަށިކެޔޮ ގަސްތަކާއި ދިމާ އަތިރިމަތިން އިއްޔެ ފެނުނު އަލަމްމިއާއާ ވެސް މިކަމާ ގުޅުމެއް ވެއެވެ. އެމީހުން މަސައްކަތްކުރީ އަލަމްމިއާގެ ސިކުނޑި ބޭނުންކޮށްގެން މި ޒުވާނާއަށް ފަރުވާ ކުރާށެވެ. އޭނާގެ ސިކުނޑިއަށް ކުރިމަތިވެފައިވާ އުނިކަން ހައްލު ކުރާށެވެ. ސިހުރުވެރިއެއްގެ ސަބަބުން އޭނާއަށް ދިމާވެފައިވާ އެ ހާލަތުން ސަލާމަތް ކޮށްދޭނެކަމަށް ސިހުރުވެރިޔާ ގަފޫރުބެ ވަނީ ބުނެފައެވެ. އެކަމަށްޓަކައި އެމީހުން މަސައްކަތްކުރާތާ ދެ ހަފްތާއެއްހާ ދުވަސް ވެދާނެއެވެ.

ފެނުނު މަންޒަރާއި އިވުނު އަޑުތައް ކިތަންމެ ރަނގަޅަކަށް ވެސް މިންހާލް ހަނދާން އެބަހުއްޓެވެ. އެހެނަސް އެއީ ހަޤީޤަތެއް ނޫނެވެ. ފެނުނު ހުވަފެނާއި ކަންތައްތައް ހިނގައި ދިޔަ ތަންތަން އަދި ހާދިސާތަކުގައި ފެނުނު ފަރާތްތައް ކިތަންމެ ބޮޑަށް ދިމާވި ނަމަވެސް ހުވަފެނެއްގެ މައްޗަށް ބުރަވެ އެވަރުގެ ބޮޑު ވާހަކައެއް ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ސިހުރު ހެދުމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުނާއިއެކު އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ދެކޮޅަށް ވާހަކަ ދައްކަން އުނދަގޫ ވާވަރަށް ހެކި ވެސް ވަނީ ހޯދައިފަ އެވެ.

ހިނގައިދިޔަ ކަންތަކާއި ގުޅިގެން ހިތްހަމަނުޖެހިފައި ތިބި ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް ދިޔައީ އިރުއޮއްސޭން ކައިރިވެފައި ވަނިކޮށް ފެތުރު ޚަބަރުންނެވެ. އެކަން ކުރިކަމަށް ތިން މީހުން އެއްބަސްވި ހިސާބުން ރައްޔިތުންގެ ތެރެއިން ބަޔަކު ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ޖަމާވިއެވެ. އެ ނުބައި ނުލަފާ މީހުން މިހާރުން މިހާރަށް ރަށުން ބޭރުކުރަން އެއްބަޔަކު ގޮވައިލިއެވެ. އަދި އެމީހުނަށް ޙައްޤު އަދަބު ދިނުމަށް ވެސް ބަޔަކު ގޮވައިލި އެވެ.

ރާކިން އާއި މިންހާލް ދިމާވީ ދެ ދުވަހެއް ފަހުންނެވެ. ފުރަތަމަ ފެނިލުމާއިއެކު ވެސް މިންހާލްގެ ހަނދާނަށް އައީ އޭނާއަށް ފެނުނު ހުވަފެނެވެ. އެރޭ އެކޮޓަރީގައި އޮތް ޒުވާނާއަކީ އޭނާ އެވެ. މިންހާލްއަށް އެކަން ޔަގީނެވެ.

“ކަލެއަކަށް މައިނާ ސެޓެއް ނުވިދޯ؟ އަސްލު ކަލެއަށް އެނގޭތަ ވީގޮތް؟” ރާކިން ބަލައިލީ ސީދާ މިންހާލްގެ ލޮލަށެވެ. އެ ލޮލުން ކޮންމެވެސް ކަމެއް ދެނެގަންނަން އޭނާ މަސައްކަތްކުރި ކަހަލަ އެވެ.

މިންހާލް މަޑުމަޑުން ދެއަތަކަށް ބޯ ހަލުވާލިއެވެ. ވީގޮތް އޭނާއަށް ނޭނގޭކަން ރާކިންއަށް ޔަގީނެވެ.

“އަސްލު އެ މީހުން ބައްޕައަކީ ވަރަށް ނުބައި މީހެއް. އަހަރެންނަށް މައިހާ ވެސް ނުލިބުނީ އެހެންވެ. މަ ވަރަށް ޓްރައި ކުރިން. އެކަމު އޭނާއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ވެސް އެ މާނިއު ނުދިން. އެއީ ފަންޑިތަ ހަދާ މީހެއް. އޭނާ އުޅުނީ އަހަރެން މަރާލަން. ނަސީބެއްނު ދެމީހުން ސަލާމަތްވިކަން.” ވާހަކަ ދައްކަމުން ދައްކަމުން ރާކިން ވަށައިގެން ހޯދައިލިއެވެ. އެވާހަކަތައް އަޑުއިވޭ ހިސާބުގައި އިތުރު މީހަކު ހުރިތޯ ބަލައިލި ކަހަލަ އެވެ.

އެ ދިމާއަށް އައި އުމުރުން ދުވަސްވީ އަންހެން މީހާ ފެނުމާއިއެކު ރާކިން ވާހަކަ ދެއްކުން ހުއްޓައިލި އެވެ. އެއީ އޭނާގެ މަންމަ މަރީކާ އެވެ. ކިހިނެތްވީތޯ މިންހާލް ސުވާލު ކުރުމުން ޖަވާބެއް ވެސް ނުދިނެވެ.

ހާދިސާގެ އަސްލު މިންހާލްއަށް އެނގުނީ މަރީކާގެ ފަރާތުންނެވެ.

މައިހާ އާއި ރާކިން އަކީ ދެ ލޯބިވެރިންނެވެ. އެ ގުޅުމަށް އެންމެ ފުރަތަމަ ދެކޮޅު ހެދި މީހަކީ މައިހާގެ މަންމަ އެވެ. ދެން ބައްޕަ އެވެ. އެމީހުން ދެއްކި އެއްވެސް ވާހަކައެއް މައިހާ ޤަބޫލެއް ނުކުރިއެވެ. ރާކިންއާ ދުރުވުމަށް އެމީހުން ދެއްކި އުޒުރު މައިހާއަކަށް ބަލައެއް ނުގަނެވުނެވެ.

އެ ދެ ޒުވާނުން ދުރުކުރުމަށް ކުރި ހުރިހާ މަސައްކަތެއް ވީ ފެއިލް އެވެ. އެވަރުން ވެސް ގޮތް ދޫކުރާކަށް މާނިއު ބޭނުމެއް ނުވިއެވެ. އެންމެފަހުން އޭނާ ކުރަން ހުރި ކަންތައް ވެސް ކުރިއެވެ. މައިހާ އާއި ރާކިން ދުރުކުރީ ފަންޑިތަ ހަދައިގެންނެވެ. އެކަމުގެ ހުރިހާ ވޭނަކާއި ތަކުލީފެއް އުފުލަން ޖެހުނީ ރާކިންއަށެވެ. އެ ވޭނާއި ކެކުޅުމުގައި ރާކިން އުޅޭތާ ދެމަހެއްހާ ދުވަސް ވެދާނެއެވެ. އެމީހުން މި ރަށަށް އައީ އެހެން ގޮތެއް ނެތިގެންނެވެ.

ރާކިންއަށް ފަރުވާ ކުރުމަށް ފަންޑިތަ ހެދުމަކީ މަރީކާ އެއްވެސް އިރެއްގައި ބޭނުންވި ގޮތެއް ނޫނެވެ. ފަންޑިތަ ހެދުމުގެ މައްސަލައިގައި ހައްޔަރުކުރި ދެ ޒުވާނުންގެ ތެރެއިން އެކަކީ ރާކިންގެ ބޭބެއެވެ. ދެން ހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެމީހުން ބޭނުންވީ ކޮންމެ ގޮތަކުން ވިޔަސް ރާކިން ރަނގަޅު ކުރާށެވެ. އަދި އެކަން ކުރި މީހާއަށް އެކަމުގެ ހިތްދަތިކަމާއި ވޭން ދައްކައިލާށެވެ.

އެކަން ކުރީ މައިހާގެ ބައްޕަ މާނިއުކަން ޔަގީންވި ނަމަވެސް އޭނާއާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނެތެވެ. އެހެންކަމުން އެކަން ވެސް ޖެހުނީ އޮތް ހިސާބުގައި ބާއްވާށެވެ.

ގޯހަކުން ގޯހެއް ރަނގަޅެއް ނުކުރެވޭނެ އެވެ. ކަންތައްވީ ވެސް އެހެނެވެ. ރާކިންގެ ހާލަތު ކުރިޔަށްވުރެ ވީ ގޯހެވެ. އެކަނި ހުރެ ވާހަކަ ދެއްކުމާއި އަންހެން ކުއްޖަކު ފެންނައިރަށް އޭނާގެ ފަހަތުން އަޅުވާލުން އާންމު ކަމަކަށް ވިއެވެ. އެކަށީގެން ނުވާ ބަހުރުވައިން ބައެއް ފަހަރު ވާހަކަ ދެއްކުމާއި އަތުގައި ހިފުން ފަދަ ކަންކަން ގިނަވާން ފެށިއެވެ. ޝަކުވާތައް އިތުރުވަމުން ދިޔައީ އިންތިހާއަށެވެ. ދައުލަތުގެ ފަރާތުން ބަލަހައްޓާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ރާކިން ގެންދިޔައީ އެހެން ގޮތެއް ނެތިގެންނެވެ.

ދަރިފުޅަށް އެންމެ މޮޅުގޮތް ހޯދައިދިނުމުގެ ނަމުގައި މައިހާގެ މައިންބަފައިން ކުރި ކަންތަކުގެ ހިތާމަ އާއި ހިތްދަތިކަން ލިބުނީ ހަމައެކަނި ރާކިންއަކަށް ނޫނެވެ. އެ ހިތާމަތަކާއި ހިތްދަތިކަމުން މައިހާއަކަށް ވެސް އަރައެއް ނުގަނެވުނެވެ. ދޭތެރެއަކުން ބަލިވެއެވެ. ޑޮކްޓަރީ ބޭހުން ހައްލެއް ނުހޯދެއެވެ. އެކަމެއްގައި އެތައް ދުވަހެއް ވެސް ވެދާނެއެވެ.

އުމުރުން ސާޅީސް އަހަރު ފަހަނައަޅައި ދިޔައިރު ވެސް ހިތްހަމަޖެހޭ ކަހަލަ މީހަކާއި ދިމައެއް ނުވިއެވެ. ދިރިއުޅުމެއް ނުހޯދުނެވެ. ކައިވެންޏެއް ނުކުރެވުނެވެ.

ހާދިސާގެ އަސްލު އެންމެ ރަނގަޅަށް އެނގޭ މީހަކީ މާނިއު އެވެ. އެކަމު.. އޭނާއަކަށް ވެސް މިއަދު އެ ހައްލު ހޯދައިދެވޭކަށް ނެތެވެ. އެދުވަހު އޭނާއަށް އޮތް އާރާއި ބާރު މިއަދަކު ނެތެވެ. އެންމެ ކުޑަމިނުން އެކަމުން މައިހާއަށް އަރައިގަނެވޭވަރު ކޮށްލެވެން ވެސް އޭނާއަށް ނެތެވެ.

އޭނާގެ އަސްލު ފެންވަރު މާނިއުއަށް އެނގުނުއިރު ވާނެ އެއްޗެއް ވެއްޖެއެވެ. ވަކިވާން ނޭދުނު އެ ލޯތްބާއި މައިހާ ވަތްކެއް ނުކުރެވުނެވެ. އެކަމުގެ ސަބަބުން ލިބުނު ހިތާމަ އާއި ހިތްދަތިކަމުން އޭނާ ދުރެއް ނުކުރެވުނެވެ.

މައިހާ ނިމިދިޔައީ އެ ހާލުގައެވެ.

(ނިމުނީ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top