ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އިތުރުވުމުގެ ސަބަބުން، ގިނަ ފަރުތަކުގެ އުސްމިން އިތުރުވާ މިންވަރަށްވުރެ ލޮނުގަނޑު އުފުލޭ ދުވެލި ހަލުވިވެ، ފަރުތައް އަޑިއަށް ގޮސް އައްސޭރިފަށުގެ ހިމާޔަތް ބަލިކަށިވުމުގެ ފުރުސަތު އެބައޮތެވެ.
ފާއިތުވި އެތައް ހާސް އަހަރެއްގެ ތެރޭގައި މުރަކައިގެ ފަރުތައް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރާ އެއްވަރަށް އުސްވަމުން ގޮސްފައެވެ. މިގޮތުން އާ ފަށަލަތައް އިތުރުވަމުން ދިއުމުގެ ސަބަބުން، އިރުގެ އަލި ފޯރާ ހިސާބުގައި ފަރުތައް ދެމިއޮވެއެވެ. ނަމަވެސް، ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ކަނޑުގެ ލޮނުގަނޑު މިހާރު ދަނީ ފަރުތަކަށްވުރެ ހަލުވިކަމާއެކު އުފުލެމުންނެވެ.
ފަރެއްގެ އުސްމިން އެކަށީގެންވާ ދުވެއްޔެއްގައި އިތުރުނުވާނަމަ، އެ ފަރު އަލުން ބިނާވާ ވަރަށްވުރެ އަވަހަށް ފުން ލޮނުގަނޑުގެ އަޑިއަށް ފެތިގެންދެއެވެ. ސައިންސްވެރިން މިކަމަށް ކިޔަނީ “ފަރު ގެނބުން” (ރީފް ޑްރައުނިންގ) އެވެ. މިގޮތަށް ފުން ސަރަހައްދުތަކަށް ފަރުތައް ދިޔަ ނަމަވެސް، މުރަކަތައް ދިރިހުރެދާނެއެވެ. އެކަމަކު، ފަރު އަޑިއަށް ދިއުމުން ރާޅުތައް މަޑުކޮށްދިނުމާއި މަސްމަހާމެހިތަކަށް ހިމާޔަތްދިނުމުގެ ގާބިލުކަން ކުޑަވެގެންދެއެވެ.
ނަންޔަންގް ޓެކްނޮލޮޖިކަލް ޔުނިވަރސިޓީގެ އާތު އޮބްޒަވޭޓަރީ އޮފް ސިންގަޕޯރގެ ރިސާޗް ފެލޯއެއް ކަމަށްވާ ރިއޯވީ ރާމޯސް އާއި ކައިލް މޯގަން އިސްވެ ތިއްބަވައިގެން ވަނީ އެތައް ހާސް އަހަރެއްގެ ތެރޭގައި ފަރުތައް އުސްވި މިންވަރު ދިރާސާކުރައްވާފައެވެ. އަދި އެ ދުވެލި، މި ގަރުނުގައި ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކުރެވޭ މިންވަރާ އަޅާކިޔާފައިވެއެވެ. ރާމޯސް ވިދާޅުވި ގޮތުގައި ވަކިވަކި މުރަކަތައް ހަލުވިކަމާއެކު ހެދުނު ނަމަވެސް، މުޅި ފަރު އެއް ދުވެއްޔެއްގައި އުސްވަމުންދާނެ ކަމަށް ބަލައިގެން ނުވާނެއެވެ.
ފަރުތަކުގެ އުސްމިން އިތުރުވުން
މުރަކައާއި ފަރުގައި އުޅޭ އެހެނިހެން ދިރޭތަކެތިން ކެލްސިއަމް ކާބޮނޭޓް އުފައްދައެވެ. މި ހަރު މައުދަނަކީ ފަރުގެ އޮނިގަނޑެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭ ދުވެއްޔާ އެއްވަރަށް ފަރުގެ އުސްމިން އިތުރުވާނަމަ، އެ ފަރު ކަނޑުގެ މަތީ ފަށަލައިގައި ދެމިއޮންނާނެއެވެ. އޭރުން މުރަކަތަކަށް އިރުގެ އަލި ލިބި، އައްސޭރިފަށަށް ރާޅުތައް ފޯރުމުގެ ކުރިން އެ ރާޅުތައް ބިންދުމުގެ ގާބިލުކަން ފަރަށް ލިބިގެންވެއެވެ. ނަމަވެސް، ފަރުގެ އުސްމިން އިތުރުވާ ވަރަށްވުރެ ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އިތުރުވެއްޖެނަމަ، ފަރު އޮންނާނީ ފުން ލޮނުގަނޑުގެ އަޑީގައެވެ.
ފަރުގެ ކުރީގެ ފަށަލަތަކުން ދައްކާ ހަގީގީ ދުވެލި
ދިރާސާ ކުރާ ޓީމުން ބޭނުންވީ ދިގު މުއްދަތެއްގައި ފަރުތައް އުސްވަމުންދިޔަ ދުވެލި ދެނެގަތުމަށެވެ. އެގޮތުން އިންޑޯ-ޕެސިފިކް ސަރަހައްދުގެ 92 ތަނަކުން 288 ފޮސިލް ރީފް ރެކޯޑްތައް އެއްކުރިއެވެ. މިއީ މީގެ ގާތްގަނޑަކަށް 11,700 އަހަރު ކުރިން ފެށިގެން މިހާތަނަށް ހުރި ރެކޯޑްތަކެކެވެ.
މި ދިރާސާގައި ބޭނުންކޮށްފައިވަނީ ކެލްސިއަމް ކާބޮނޭޓްގެ ފަށަލަތަކެވެ. މިއީ ހަމައެކަނި ވަކި މުރަކައެއް ހެދޭ މިންވަރު ބެލުމުގެ ބަދަލުގައި، ގުދުރަތީ ގޮތުން ފަރުން ބައިތައް މަދުވުމަށްފަހު މުޅި ފަރުގެ އޮނިގަނޑު އިތުރުވި މިންވަރު ބެލުމަށް ބޭނުންކުރި މިންގަނޑެކެވެ. ރާމޯސް ވިދާޅުވި ގޮތުގައި ފަރުތަކުގެ އެތެރެއިން ނަގާ ކޯ ތަކުން، ހުރިހާ ގުދުރަތީ ބަދަލުތަކަކަށްފަހު ފަރުގެ އޮނިގަނޑު ހުރި މިންވަރު ހާމަވެއެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ފަރުތައް އަހަރަކު އެވްރެޖްކޮށް އުސްވަނީ 0.14 އިންޗިއެވެ. އެންމެ ހަލުވިކޮށް ފަރު އުސްވި ޕަޕުއާ ނިއު ގިނީގައިވެސް މި އަދަދު ހުރީ މީގެ ދެގުނައިގައެވެ.
ފަރުތަކަށްވުރެ ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އިތުރުވުން
ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކުރެވޭ މޮޑެލްތަކާ ފަރުތަކުގެ އުސްމިން އިތުރުވާ މިންވަރު އަޅާކިޔުމުން އެނގުނީ، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މިހާރު ހުރި މިންވަރުގައި ދެމިއޮވެއްޖެނަމަ، ފަރުތައް އުސްވާ ވަރަށްވުރެ ހަލުވިކޮށް ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމެވެ. ދިރާސާކުރި 76 އިންސައްތަ ސަރަހައްދުތަކަށް މި ނުރައްކާ އެބައޮތެވެ.
މީގެއިތުރުން، ކަނޑުގެ ލޮނުގަނޑު އަހަރަކު 0.2 އިންޗިއަށްވުރެ އަވަހަށް އުފުލިއްޖެނަމަ، އެއާ އެއްވަރަށް ފަރު އުސްނުވުމުގެ ފުރުސަތު 90 އިންސައްތައަށްވުރެ އިތުރެވެ. މިހާރުވެސް ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އަހަރަކު ގާތްގަނޑަކަށް 0.17 އިންޗިއަށް އުފުލެމުންދާއިރު، މި ދުވެލި ދަނީ ހަލުވިވަމުންނެވެ. ވިހަ ގޭސްތައް މަދުނުކޮށްފިނަމަ، ކުރިއަށް އޮތް 35 އަހަރުގެ ތެރޭގައި މި ނުރައްކާތެރި ހަރުފަތަށް ދާނެ ކަމަށް ލަފާކުރެވެއެވެ.
މުރަކައިގެ ބާވަތްތަކާއި ފަރުގެ އުސްމިން
ކުރީގެ ފަރުތައް ބިނާވެފައިވަނީ ހަލުވިކަމާއެކު ހެދޭ މުރަކައިގެ ބާވަތްތަކުގެ މައްޗަށެވެ. ނަމަވެސް، މިހާރުގެ ފަރުތަކުގައި ގިނައީ ތިމާވެށީގެ ބަދަލުތަކަށް ކެތްކުރާ، އެކަމަކު ހެދޭލެއް ލަސް މުރަކައިގެ ބާވަތްތަކެވެ މި ބާވަތްތައް ހަލާކުވެފައިވާ ފަރުތަކުގައި އަވަހަށް ފެތުރިގަތް ނަމަވެސް، ފަރުގެ އުސްމިން އިތުރުކޮށްދޭ މިންވަރު ވަރަށް ކުޑައެވެ.
ކަނޑުގެ ހޫނުމިން އިތުރުވުމާއި، ކަނޑުގެ އެސިޑިޓީ މަތިވުމާއި، ތަޣައްޔަރުވުން ފަދަ ސަބަބުތަކާހުރެ ފަރުތަކުގައި ހެދޭލެއް ލަސް މުރަކަތައް އިތުރުވަމުންދެއެވެ. މީގެ ސަބަބުން ފަރުތައް އަޑިއަށް ދިއުމުގެ ފުރުސަތު ބޮޑުވެއެވެ.
ފަރުތައް ގެނބުމުން އައްސޭރިފަށަށް ކުރާނެ އަސަރު
ފަރުތައް ފުން ލޮނުގަނޑުގެ އަޑިއަށް ދިއުމުން، ބޮޑެތި ރާޅުތައް އެ ފަރުތަކުގެ މަތިން ހުރަސްކޮށް އައްސޭރިފަށަށް ފޯރާނެއެވެ. މީގެ ސަބަބުން ރަށްގިރުމާއި ފެންބޮޑުވުމުގެ ނުރައްކާ ބޮޑުވެއެވެ. އަދި ފަރުގެ އޮނިގަނޑު ފަތާވުމުން މަސްމަހާމެހި އުޅޭނެ މާހައުލު ގެއްލި، މަސްވެރިކަމާއި ފަތުރުވެރިކަމަށްވެސް ނޭދޭވޭ އަސަރުކުރާނެއެވެ.
ތަޣައްޔަރުވުމާއި، ބޯކޮށް މަސް ބޭނުމާއި، ފަރަށް ލިބޭ ގެއްލުންތައް ކުޑަކުރުމުން މުރަކަތައް ދެމިއޮތުމަށް އެހީތެރިވެދޭނެއެވެ. ނަމަވެސް، ކަނޑުގެ ލޮނުގަނޑު އުފުލޭ ދުވެލި މާ ހަލުވިވެއްޖެނަމަ، މި ފިޔަވަޅުތަކުން އެކަނި ފަރުތައް ސަލާމަތެއް ނުކުރެވޭނެއެވެ. މޯގަން ވިދާޅުވި ގޮތުގައި، އެފަދަ ހާލަތެއްގައި ފަރުގައި މުރަކަ ހުރި ނަމަވެސް، އައްސޭރިފަށް ހިމާޔަތްކުރުމުގެ ބާރު ފަރަށް ގެއްލިގެންދާނެއެވެ.
މި ދިރާސާގެ ފުރިހަމަ ރިޕޯޓް ޝާއިއުކޮށްފައިވަނީ ‘ނޭޗަރ ކޮމިއުނިކޭޝަންސް’ ޖާނަލްގައެވެ.
