ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން އަންހެން ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ ވީއޭއެމް ކަޕް 2026 އަންހެން ޑިވިޝަންގެ ފައިނަލަށް ކުލަބް ވެމްކޯ އާއި އެމްޓީސީސީ ދަތުރުކޮށްފި އެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު އިއްޔެ އާއި ރޭ ކުޅެފައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ، ހުރާ ކޮމިއުނިޓީ ކުލަބާއި އެމްޓީސީސީ އެވެ.
ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ އެމްޓީސީސީ އެވެ. މި މެޗްގެ ސެޓްތައް ޓީމުތަކުން ހޯދާފައިވާ ގޮތަށް ބަލާލާއިރު، ފުރަތަމަ ސެޓް 25-23 އިން ކާމިޔާބު ކުރީ ހުރާ ކޮމިއުނިޓީ ކުލަބެވެ. ދެވަނަ ސެޓް ފަސޭހަކަމާއިއެކު 25-15 އިން ކާމިޔާބު ކުރީ އެމްޓީސީސީ އެވެ. ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު ތިންވަނަ ސެޓްގެ ވާދަވެރިކަން ބޮޑުވިއިރު، މި ސެޓް ކާމިޔާބުކުރީ 25-20 އިން ހުރާ ކޮމިއުނިޓީ ކުލަބެވެ.
ހަތަރުވަނަ ސެޓް ކާމިޔާބުކޮށް ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބު ކުރުމަށް ނުކުތްއިރު، ހުރާ ކޮމިއުނިޓީ ކުލަބަށް މި ސެޓްގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. އެމްޓީސީސީއިން މި ސެޓް ހޯދީ ކުރިން ސެޓް ވެސް ހޯދިހާ ފަސޭހައިން 25-15 އިން ނެވެ. ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު ފައިނަލް ޖާގައިގެ ވާދަވެރިކަން އިންތިހާއަށް ދިޔަ އެވެ. ފައިނަލްގެ ޖާގަ ހޯދުމަށް މޮޅުވާން މަޖުބޫރުވި މި ސެޓްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ކުރިން ސެޓްތަކަށްވުރެ ފަރުވާތެރި ހިތްވަރުގަދަ ކުޅުމެކެވެ. ވާދަވެރި ކުޅުމެއް ފެނުނު މި ސެޓް 15-12 އިން ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ހޯދީ އެމްޓީސީސީން ނެވެ.

ވީއޭއެމް އެފްބީ
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ވެމްކޯ އާއި ޕޮލިސް ކުލަބެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ކުލަބް ވެމްކޯ އެވެ. އެކަށީގެންވާ ކުޅުމެއް ޕޮލިސް ކުލަބަށް ނުދެއްކުނު މި މެޗުގެ ސެޓްތައް ވެމްކޯ ކާމިޔާބުކުރީ 25-21، 25-19 އަދި 25-12 އިން ނެވެ.
މި މުބާރާތުގެ ތިންވަނަ ހޮވާ މެޗު މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ.
