ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގދ. ޗެމްޕިއަންއަކީ ވާދޫ
ގދ. އަތޮޅުގެ ޗެމްޕިއަން ޓީމް ވާދޫ / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ބާއްވަން ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫ ހޯދައިފި އެވެ.

ގދ. އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައި ވަނީ ފަރެސްމާތޮޑާ އާއި ވާދޫ އެވެ. ދެ ރަށުން ބައިވެރިވެފައިވާތީ މި އަތޮޅު މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. އެއީ އަތޮޅުގެ ޗެމްޕިއަނުން ކަނޑައެޅުމަށް ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗު އެކަންޏެވެ.

ފުޓްސަލްގެ ބޮޑު ބާރެއްގެ ގޮތުގައި މުޅި ރާއްޖެއަށް މަޝްހޫރު ވާދޫ އާއި ފަރެސްމާތޮޑާ ބައްދަލުކުރި މި މެޗުގައި ވަނީ ފުޓްސަލްގެ ތަރިންތަކެއް ފެނިފަ އެވެ. މުޅި މެޗު އެކުގައި ކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނު ވާދޫއިން ވަނީ ފަސޭހަކަމާއިއެކު މި މެޗު ކާމިޔާބުކޮށް ގދ.ގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ވާދޫއިން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި، ފަރެސްމާތޮޑާއިން ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ކާމިޔާބެއް ހޯދާފަ އެވެ. ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅުނު ފަރެސްމާތޮޑާއިން ވަނީ ދޭތެރެއަކުން ކުރިޔަށް ޖެހި ލަނޑު ޖެހުމަށް ވެސް މަސައްކަތްކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ވާދޫއިން ޖެހީ 13 ވަނަ މިނިޓްގަ އެވެ. މި ލަނޑު ވާދޫއަށް ޖަހައިދީ ލީޑު ނަގައިދިނީ މުޙައްމަދު ނާއިލް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ފަރެސްމާތޮޑާ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ކައިރިއަށް ޖެހި ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ނަތީޖާ ހަމަހަމަކުރުމަށް ފަރެސްމާތޮޑާއިން ކުރި މަސައްކަތް ފުރަތަމަ ހާފުގައި ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ގދ. އަތޮޅުގެ ރަނަރަޕް ޓީމް ފަރެސްމާތޮޑާ / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ވާދޫ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ވާދޫއިން އެ ޓީމުގެ ލީޑު ފުޅާކުރިއިރު މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަބްދުﷲ އާހިލް ޢަލީ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ފަރެސްމާތޮޑާ ހާފުގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ޖައްސާލި ބޯޅައެއް ހިފައިގެން އޭރިޔާތެރެއަށް ވަދެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  ހިތާދޫ އާއި ދޮންފަނު، ދަރަވަންދޫ އާއި ކަމަދޫ ވަރުގަދަ ކުރިމަތިލުމަކަށް

ލަނޑު ޖަހާނެ ފުރުސަތު ފަރެސްމާތޮޑާއަށް ވެސް ލިބި ބޭނުން ނުކުރެވި ދިޔަ މި ހާފުގެ ކުރީކޮޅު ވާދޫއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ވެސް ޖަހާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު އިޔާދު ޢަލީ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ފަރެސްމާތޮޑާ އޭރިޔާ ކައިރިން ލިބުނު ބޯޅައެއް ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ.

ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއްކޮށް ފުރުސަތުތަކެއް ވެސް ހޯދި ފަރެސްމާތޮޑާއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ ފަހުކޮޅު ޢަލީ ޝަހުމް އެވެ. މި މެޗުގެ ފަހުކޮޅު ވާދޫ ކުޅުންތެރިއަކަށް ރަތް ކާޑް ވެސް ދައްކާފައިވެ އެވެ.

3-0 އިން މެޗު ކާމިޔާބުކޮށް ގދ.ގެ ޗެމްޕިއަންކަން ވާދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫ ޓީމުގެ މުޙައްމަދު އިޔާދު ޢަލީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top