ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – އެއްތިރީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

ގޭގެ ކުލީގެ ގޮތުގައި ލިބެމުންދިޔަ ލާރިއާއިއެކު ފިހާރައިގެ ކުލި ވެސް ފާއިދުގެ އެކައުންޓަށް ޖަމާވާން ފެށި އެވެ. ކުއްލިއަކަށް ލިބުނު ތަނަވަސްކަމާއިއެކު ފާއިދުގެ މިސްރާބު ބަދަލުކޮށްލި އެވެ. ކުރަމުން އައި ވަކީލުކަން ހުއްޓާލައި އަމިއްލަ ވިޔަފާރިއާއި ދިމާއަށް މިސްރާބު ޖެހި އެވެ. ރާއްޖޭން ބޭރަށް ކުރަމުންދިޔަ ދަތުރުތައް އިތުރުވި އެވެ.

ގޭގައި ގެންގުޅޭ މީހެއްގެ ގޮތުގައި ނަމަވެސް ދަރިންނާއިއެކު ހުރެވޭނެގޮތް ހަމަޖެހުމުން ރާނިޔާ ހުރީ ހިތްހަމަޖެހިފަ އެވެ. ދަރިންނަށްޓަކައި އެންމެ މުހިންމުވި މައިންބަފައިންގެ ލޯބި ދަރިންނަށް ލިބޭގޮތްވުން ވެގެން ދިޔައީ ރާނިޔާއަށް ލިބުނު އިތުރު ހިތްހަމަޖެހުމަކަށެވެ. ދަރިންނާއިމެދު ދެކެމުން އައި ހުވަފެންތައް ހަޤީޤަތަކަށް ހެދިދާނެކަމުގެ އުންމީދު އާވި ކަމަކަށެވެ. ދަރިންނަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނެއް ވަމުން ފާއިދަށް ކޮށްދޭން އެއްބަސްވި ކަންކަން ކޮށްދެމުން ދަރިންގެ މުސްތަޤުބަލު އުޖާލާ ކުރުމަށް ކުރަން ޖެހޭ ކަންކަން ރާނިޔާ ކުރަމުން ދިޔަ އެވެ. ގޭގެ ޚަރަދުތަކާއި ތިންމައިންގެ ޚަރަދަށް ބޭނުންވާ ވަރަށް ފާއިދު ފައިސާ ހަވާލުކުރަމުން ދިޔަ އެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން ދިޔަ އެވެ. ދަރިންގެ މުސްތަޤުބަލު އުޖާލާކުރުން ފިޔަވާ ދިރިހުރުމުގެ އެހެން އެއްވެސް މަޤުސަދެއް ނެތް ރާނިޔާ ވަރުބަލިކަމެއްނެތި އެކަމާއި އުޅެމުންދިޔަ އެވެ. އޭނާގެ އަމިއްލަ ކަންކަމާއިމެދު ވިސްނާލާނެ ވަގުތެއް އޭނާއަކަށް ނުވެ އެވެ.

ނާއިމާއި ޔަޒީދާ ވެގެން ދިޔައީ ދަރިންނާއިމެދު ރާނިޔާ ދެކެމުން އައި ހުވަފެންތައް ހަޤީޤަތަކަށް ހަދައިދޭފަދަ ދެ ދަރިންނަށެވެ. ދަރިންގެ ތަރުބިއްޔަތަށް އޭނާ ދެމުންދިޔަ އިސްކަން ދެ ދަރިންގެ ކިބައިން ފެންނަމުން ދިޔައިރު ދަރިންގެ ތަޢުލީމަށްޓަކައި އޭނާ އުފުލަމުންދިޔަ ބުރައާއި ވަމުންދިޔަ ޤުރުބާނީގެ ފައިދާ ފެންނަމުން ދިޔަ އެވެ. ދެކުދިން ވެސް ފާހަގަވެގެން ދިޔައީ ކުލާހުންނާއި ސްކޫލުން ފާހަގަކޮށްލެވޭފަދަ އަޚުލާޤު ރަނގަޅު ކިޔެވުމަށް މޮޅު ދެ ދަރިންނަށެވެ.

ކުއްލިއަކަށް ފާއިދުގެ ދިރިއުޅުން ރާއްޖޭން ބޭރަށް ބަދަލުކުރި އެވެ. މޮރިޝަސްގައި ފެށި ފަތުރުވެރިކަމުގެ ވިޔަފާރިއާއިއެކު އޭނާގެ މުއްސަނދިކަމާއި ތަނަވަސްކަން އެތައް ގުނައަކަށް އިތުރުވި އެވެ. މަދުމަދުން ރާއްޖެ އައި ނަމަވެސް ރާއްޖޭގައި މާކަ ގިނަދުވަހު މަޑެއް ނުކުރެ އެވެ. ރާއްޖެއެއް އޭނާއަކަށް މިހާރު މުހިންމެއް ނޫނެވެ.

މެންދުރެއްކަން ހާއިރެވެ. ސްކޫލުން އައިސް ގެއަށް ވަތް ޔަޒީދާގެ ފިޔަވަޅުތަކަށް ކުއްލި ހުއްޓުމެއް އައީ ގޭތެރޭން ފެނުނު މަންޒަރުގެ ސަބަބުން ނެވެ. އެއް ފަހަރާ އެތައް ސުވާލެއް އުފެދުނުއިރު ކޮންމެވެސް ވަރަކަށް ހައިރާންވެސްވި އެވެ. ރާއްޖޭން ބޭރުގައި ދެމަހެއްހާ ދުވަސް ހޭދަކޮށްފައި ބައްޕަ އައިއިރު އޭނާއާއިއެކު ޔޫރަޕް ހިސާބުގެ އަންހެނަކު ވެސް އައިސް އިނެވެ. އުމުރުގެ ޒުވާން ދުވަސްތައް ގުނަމުންދާ ޒަމާނީ އަންހެނެކެވެ.

ކޮޓަރިއާއި ދިމާއަށް ހިނގައިގަތް ޔަޒީދާ ހުއްޓުނީ ފާއިދު ގޮވާލުމުން ނެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ކޮޓަރިއަށް ދާން ބޭނުންވި ނަމަވެސް ޔަޒީދާއަކަށް އެ ފުރުސަތެއް ނުލިބުނެވެ.

މިވެސް ކިޔާލަން:  ވޭނުގާ - ދިހަވަނަ ބައި

“ދަރިފުޅާ! ދޮންބެ ގޮވައިގެން އައިސްބަލަ. ކުޑަ ވާހަކައެއް ދައްކާލަންވެފަ އެބައޮތް.” ފާއިދު އެދުނު ފަދައިން ކަންތައް ކުރުމަށް ޔަޒީދާ އިސްކަން ދިނެވެ.

ޔަޒީދާ ގޮސް ނާއިމަށް ގޮވާފައި އަންނަން ބުނުމުން ނާއިމް އައެވެ. ގޭތެރޭން ފެނުނު މަންޒަރުގެ ސަބަބުން ނާއިމަށް ވެސް ލިބުނީ ހައިރާންކަމެވެ.

ކައިރީގައި އިން އަންހެން މީހާއަށް އިޝާރާތްކުރަމުން ފާއިދު ދެއްކި ވާހަކަތައް އަޑުއަހާކަށް ނާއިމާއި ޔަޒީދާއަކަށް ފަސޭހައެއް ނުވި އެވެ. މާޔޫސްކަމާއި ހިތްދަތިކަން ވަށާލިއިރު ބައްޕައާއިމެދު ހިތްހަމަނުޖެހުން ވެސް އުފެދުނެވެ.

“މިހާރު ދެން ދަރިފުޅުމެން ވެސް ބޮޑެތިވީއެއްނު.. ބައްޕަ ނެތަސް ހާސްވާކަށް ނުޖެހޭނެ. ބޭނުންތަކަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދޭނަން. އަންނަ އަހަރު ނާއިމްގެ ކިޔެވުން ނިމޭނެ. އޭގެ ދެ އަހަރު ފަހުން ޔަޒީދާ ނިމޭނެ. ރާއްޖޭން ބޭރުން ކިޔަވަން ބޭނުމިއްޔާ އެ ފުރުސަތު ފަހިކޮށްދޭނަން. އެގޮތް ރަނގަޅެއްނު.” ނާއިމާއި ޔަޒީދާއަށް ބަލާލަމުން ފާއިދު ނިންމާލި އެވެ.

ޔަޒީދާއަށް ވިސްނުނީ އޭނާގެ މަންމަގެ ހާލާއިމެދުގަ އެވެ. ބައްޕަގެ ދެވަނަ ކައިވެންޏާއިއެކު މަންމައަށް ލިބިދާނެ ހިތާމައަކާއި ހިތްދަތިކަމާއި މެދުގަ އެވެ. ދަރިއަކަށް މަޔަކު ހެޔޮވާނެނަމަ ދަރިއަކަށްޓަކައި މަޔަކު ފުރާނައިން ޤުރުބާން ވާނެނަމަ އެއިން އެކަކަށް އޭނާގެ މަންމަ ވާނެކަން ޔަޒީދާއަށް ޔަގީނެވެ. އެ މަންމައަށް އެއްވެސް ހިތާމައެއް ހިތްދަތިކަމެއް ލިބޭކަށް ޔަޒީދާއަކަށް ނުރުހެވޭނެ އެވެ.

ފާއިދުގެ ދެވަނަ ކައިވެންޏާއިއެކު އަބަދުގެ އަބަދަށް ދިރިއުޅުން ރާއްޖޭން ބޭރަށް ބަދަލުކުރި އެވެ. ކުރިން ކޮންމެ ވެސް ވަރަކަށް ރާއްޖެ އައިސް އުޅުނު ނަމަވެސް ރާއްޖެ އައުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލި އެވެ.

ކާމިޔާބުކަމާއިއެކު ރާއްޖެއިން މަދުރަސީ ދައުރު ނިންމާލި ނާއިމާއި ޔަޒީދާ ރާއްޖޭން ބޭރުން ތަޢުލީމު ހާސިލުކުރި އެވެ. ދެ ކުދިން ބޭނުންވި ހިސާބަށް ކިޔެވުން ފުރިހަމަކޮށް އުންމީދުތައް ހަޤީޤަތަކަށް ހެދި އެވެ.

ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލަމުން ނާއިމާއި ދިމާއަށް ރާނިޔާ ބަލާލިއިރު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ އެވެ.

“އަހަރެން ދެރަވާން ޖެހޭތަ؟ އެކަމާއި އަހަރެން ހިތާމަކުރަން ޖެހޭތަ؟ އަހަރެން މީ ތިޔަ ދެ ކުދިންގެ މަންމަ. ފާއިދަކީ އިރެއްގައި އަހަރެންގެ ފިރިމީހާއަށް ވިޔަސް މިހާރު އެއީ އަހަރެންނާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން. އަހަރެން މިހާ ދުވަހު ވެސް މިގޭގައި މި އުޅުނީ ގޭގައި ގެންގުޅޭ މީހެއްގެ ގޮތުގަ. ދަރިން ބަލާ މީހެއްގެ ގޮތުގަ. އަހަރެންނަށް އަހަރެންގެ ދެދަރިންނާއިއެކު ހުރެވޭން އޮތް ހަމައެކަނި ގޮތަކީ އެއީ. އެގޮތުން ވިޔަސް އަހަރެން ބޭނުންވީ ދަރިންނާމެދު އަހަރެން ދެކެމުން އައި ހުވަފެންތައް ހަޤީޤަތަކަށް ހަދަން. ދަރިންގެ މުސްތަޤުބަލު އުޖާލާކޮށްދީ ކާމިޔާބު ބަޔަކަށް ހަދަން. އިރާދަކުރެއްވީތީ އަހަރެންގެ އުންމީދުތައް ހާސިލުވެއްޖެ. އޭނާއަށް ކަމެއް ދިމާވެގެން އަހަރެން ހިތާމަކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ދަރިފުޅުމެންގެ ބައްޕައަށް ވީތީ ދަރިފުޅުމެން ހިތާމަކުރަންޏާ ހިތާމަކުރޭ.” ރާނިޔާގެ ކިބައިން ފެނުނު ހިތާމަ އާއި ހިތްދަތިކަން ބަލަން ޔަޒީދާއަކަށް ކެތެއް ނުވި އެވެ. ދެލޮލުން ކަރުން ފާއްދާލި އެވެ. މަޢާފަށް އެދެމުން ރާނިޔާގެ ގައިގައި ބައްދާލި އެވެ.

މިވެސް ކިޔާލަން:  ރިހި ރާޅުތައް - ޗެޕްޓަރ 1

އިވިގެންދިޔަ ވާހަކަތަކާއިމެދު ސުވާލެއް އުފައްދާކަށް ނާއިމާއި ޔަޒީދާ ބޭނުމެއް ނުވި އެވެ. ރާނިޔާގެ އީމާންތެރިކަމާއި ތެދުވެރިކަން އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ އެ ދެ ދަރިންނެވެ. އެކަމާއިމެދު ސުވާލެއް އުފައްދާކަށް ޖާގައެއް ވެސް ނެތެވެ.

“މަޢާފް ކުރުމާއި ނުކުރުން.. ޤަބޫލުކުރުމާއި ނުކުރުން.. އެއީ ދަރިފުޅުމެންގެ ކަމެއް. ބައްޕައެއްގެ ފަރާތުން ލިބެންވާ ލޯތްބާއި އަޅާލުން ފާއިދުގެ ފަރާތުން ލިބުނުކަމަށް ވަންޏާ އެއީ އޭނާ ކޮށްދިން ކަމަކީ.” އަނެއްކާ ވެސް ރާނިޔާ ވާހަކަތައް މެދުކަނޑާލި އެވެ. ދައްކަންހުރި ވާހަކަތައް ގިނަކަމާއި އެވާހަކަތައް ދައްކަން ފަސޭހަ ނޫންކަން ރާނިޔާގެ އަޑާއި ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުންދިޔަ އެވެ.

ރާނިޔާ ދައްކަން ބޭނުންވި ކޮންމެ ވާހަކައެއް ދައްކަން ފުރުސަތު ދީގެން ތިބުން ނޫން ކަމެއް ޔަޒީދާއާ ނާއިމް ނުކުރެ އެވެ. ދިމާވި ހާލަތާއިއެކު ނާއިމާއި ޔަޒީދާގެ ވިސްނުން ބަދަލުވި އެވެ. މިވަގުތަށް އެންމެ ރަނގަޅުވާނީ އެގޮތްކަން ދެ މީހުންނަށް ވެސް ޤަބޫލު ކުރެވުނެވެ.

“ދަރިފުޅުމެންގެ ދިރިއުޅުމަކަށް.. ދަރިފުޅުމެންގެ ތަޢުލީމަކަށް.. ދަރިފުޅުމެންގެ ކުރިމަގަކަށް.. އަދި އެހެން ކަމަކަށް ވެސް ދަރިފުޅުމެންގެ ބައްޕަގެ އަތުން ބައިރުފިޔާއެއް ވެސް ޚަރަދުކޮށްފައެއް ނޯންނާނެ. ހުވާކޮށްފައި ވެސް އެހެން ބުނާކަށް އަހަރެން ޖެހިލުމެއް ނުވޭ.” ނާއިމާއި ދިމާއަށް ބަލާލި ރާނިޔާ އޭނާއާ ހަތަރުކަޅި ހަމަކޮށްލި އެވެ.

“ދެން ކާކު އެ ހުރިހާ ކަމެއް ކޮށްދިނީ؟” އިވުނު ވާހަކަތަކާއިއެކު ކުއްލިއަކަށް ނާއިމަށް އަހާލެވުނެވެ.

“މުހުތާރު..” ކަންފަތުގައި ޖެހުނު އަޑާއިއެކު ފުންމައިގެން ކަހަލަ ގޮތަކަށް ޔަޒީދާ ކޮޅަށް ތެދުވި އެވެ. އަވަސްއަވަހަށް ދޮރާއި ދިމާއަށް ބަލާލެވުނީ މީހަކު ވަތްހެން ހީވެގެން ނެވެ. އުފެދުނު ސުވާލުތަކާއިއެކު ހައިރާންކަން ވެސް ލިބުނެވެ. ފެނުނު މަންޒަރު ޤަބޫލު ނުކުރެވިގެން ކަހަލަ ގޮތަކަށް ދެ އަތަކަށް ބޯ ހަލުވާ ވެސް ލެވުނެވެ.

ޔަޒީދާއާއިއެކު ކަހަލަ ގޮތަކަށް ކޮޅަށް ތެދުވި ނާއިމާއިއެކު ރާނިޔާއަށް ވެސް ސޯފާއިން ތެދުވެވުނެވެ.

“އައްސަލާމް ޢަލައިކުމް. ރާނިޔާއާ ބައްދަލުކޮށްލެވިދާނެތޯ؟” ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ނިފާރު ބުނީ އޭނާ އައި ބޭނުމުގެ ވާހަކަ އެވެ. އަޑާއި ހަރަކާތުން ފާޅުވީ މަޑުމައިތިރިކަމާއި ހަމަހިމޭންކަމެވެ. އަނެކުންނަށް ކުރާ އިޙުތިރާމާއި ޤަދަރެވެ.

މިވެސް ކިޔާލަން:  ރިހި ލޯބި - ޗެޕްޓަރ 11

“މުހު.. މުހުތާރު.. ބޭބެގެ ދަރިފުޅު.” ނިފާރާއި ދިމާއަށް ހިނގައިގަތް ރާނިޔާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި ތިބުން ނޫން އެހެންކަމެއް ޔަޒީދާ އާއި ނާއިމަކަށް ނުކުރެވުނެވެ.

މަޑުމަޑުން ނިފާރާއި ދިމާއަށް ދިޔަ ރާނިޔާގެ ކިބައިން ފެންނަމުން ދިޔައީ ހިތާމަ އާއި ހިތްދަތިކަމެވެ. މާޔޫސްކަމާއި ނާއުންމީދުގެ ކުލަވަރެވެ. ނިފާރު ފެނުމުން އޭނާއަށް ލިބިފައިވާ ހައިރާންކަމުގެ ތެރެއިން އުންމީދުގެ ކުލަވަރެއް ފާޅުވިހެން ވެސް ހީވި އެވެ.

“ނިފާރު.. އަހަރެންގެ ބޭބެގެ ދަރިފުޅު.. ދަރިފުޅާ! ކޮންތާކު ތިއުޅުނީ؟ ކީއްވެ ދައްތަ ކައިރިއަށް ނައީ؟ ދައްތަ ހާދަ އުންމީދެއް ކުރީމޭ ދަރިފުޅާ ދިމާވޭތޯ. ހާދަ ދުޢާއެއް ކުރީމޭ ދަރިފުޅުގެ ކުރިމަގު އުޖާލާ ކުރައްވާތޯ. އަހަރެންގެ ދުޢާ އިޖާބަކުރައްވައިފި. އަހަރެންނަށް ކާމިޔާބު ލިބިއްޖެ.” ނިފާރުގެ މޫނަށް ބަލަހައްޓައިގެން ހުރި ރާނިޔާއަށް ރޮއިގަނެވުނެވެ. މަޑުމަޑުން ނިފާރުގެ ކޮނޑުގައި ހިފަހައްޓާލަމުން ބައްދާލި އެވެ.

“އަހަރެންގެ ސަބަބުން މި ޢާއިލާއަށް ކުރިމަތިވި ހިތާމަތަކާއި ހިތްދަތިކަމަށް ނިހާޔަތަށް މަޢާފަށް އެދެން. އެމީހެއްގެ ޙައްޤު ހޯދަން މަސައްކަތްކުރާނީ އެމީހަކު. އަހަރެން މަސައްކަތް މި ކުރަނީ އަހަރެންގެ ޙައްޤު ހޯދަން. އެކަން ޤަބޫލުކުރާނެކަމަށް އުންމީދުކުރަން.” ނާއިމާއި ޔަޒީދާއަށް ބަލާލަމުން ވާހަކަދައްކަން ފެށި ނިފާރު ހުއްޓާލީ ރާނިޔާއަށް ބަލާލަމުން ނެވެ.

“މަޢާފަށް އެދެން ޖެހޭވަރުގެ ކަމެއް ނިފާރު ނުކުރޭ. ކީއްކުރަން ތިއައީ؟ އަވަހަށް ބުނޭ. ދަރިފުޅު ބުނި ކޮންމެ ކަމެއް ދައްތަ ކޮށްދޭނަން.” ނިފާރުގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބައިންދަމުން ރާނިޔާ ވާހަކަ ދެއްކި އެވެ.

ލިބުނު ހައިރާންކަމާއި އުފެދެމުންދިޔަ ސުވާލުތަކުގެ ސަބަބުން ހުއްޓުން އަރާފައި ތިބުން ފިޔަވައި އެހެންކަމެއް ނާއިމާއި ޔަޒީދާއަކަށް ނުކުރެވުނެވެ.

“މި ލިޔުމުގެ އަސްލު އެބައޮތްތަ؟” އަތުގައި އޮތް ފައިލުން ނެގި ލިޔުމެއް ނިފާރު ދައްކައިލި އެވެ.

“ނޫން. އެ ގެއްލިއްޖެ. ހޯދާހޯދާ ވެސް ނުފެނުނު. ނިފާރު ކޮންތާކުން ތި ހޯދީ؟ ކޯޓުގައި ވެސް ނެތް.” ރާނިޔާގެ އަޑު ކުރަކިވި އެވެ. އެކަމުގެ ސަބަބުން އޭނާއަށް ލިބިފައިވާ ހިތާމަ އާއި ހިތްދަތިކަން ކިތަންމެ ރަނގަޅަކަށް ވެސް ފާޅުވި އެވެ.

“ނިފާރު! ތިއީ ކޯއްޗެއް؟” ނިފާރާއި ދިމާއަށް އަންނަމުން ޔަޒީދާ އަހައިލި އެވެ.

“މުހުތާރަކީ ކާކު؟ އެއީ އަހަރުމެންގެ ކާކު؟ ނިފާރަކީ އަހަރުމެންގެ ކަޒިންއެއްތަ؟ މިއީ ބައްޕަގެ ތަނެއް ނޫން ދޯ؟” ނިފާރު ގެނެސްދިން ލިޔުން ކިޔާލުމަށްފަހު ނާއިމަށް ދިއްކޮށްލަމުން ޔަޒީދާ އަހައިލި އެވެ. އޭނާގެ ސުވާލުތައް އަމާޒުވީ ރާނިޔާއަށެވެ.

“މުހުތާރަކީ ވެސް ނިފާރަކީ ވެސް އަހަރުމެންނާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން. އެކަމަކު..”

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top