ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެކަނބުލޭގެއަށްޓަކައި – 6
މުނިއަވަސް ގްރެފިކްސް

އާއިރާ އަނެއްކާވެސް އެ އަނގޮޓިއަށް ބަލާލިއެވެ. “އަހަރެން ނުދެނަހުރިން..”

“އާނ، އާއިރާއަކަށް ނޭނގޭނެ..”

ރިޝާން ހިތާމަވެރި ގޮތަކަށް ހީނލިއެވެ.

“އާއިރާ ހުރީ، އަހަރެން އާއިރާ ގާތުގައި މަޑުކޮށްގެން ހުރީ އަހަރެންގެ ކާފަގެ އޮޕަރޭޝަނަށް ފައިސާ ދިނީތީ ކަމަށް އަމިއްލަ ނަފުސަށް ޤަބޫލުކޮށްދީގެން.”

އާއިރާ އަނެއްކާވެސް ރޯން ފެށިއެވެ. ރިޝާން ކުރިއަށް ޖެހިލިއެވެ.

“އާއިރާ، އަހަރެން ބުނާ އެއްޗެއް ރަނގަޅަށް އަޑުއަހާ. ފައިސާއަކުން އަހަރެންގެ ލޯތްބެއް ނުގަނެވޭނެ.” އޭނާ މަޑުޖެހިލިއެވެ.

“އާއިރާ އަހަރެންގެ ދިރިއުޅުމުން ދިޔަ ފަހުން ވީ ގޮތް އެނގޭތަ؟”

އާއިރާ ބޯ ހޫރާލިއެވެ.

“އަހަރެން ޔުނިވަރސިޓީ ނިންމިން. މަސައްކަތް ކުރިން. ވިޔަފާރިތައް އުފެއްދިން. ކުށްތައް ކުރެވުނު. ނުބައި މީހުންނަށް އިތުބާރު ކުރެވުނު. އަމިއްލަ ނަފުސު ރައްކާތެރިކުރާނެ އެއްޗެއް ނެތްއިރު، ދުނިޔެއަކީ ކިހާ އަނިޔާވެރި ތަނެއްކަން އަހަންނަށް އެނގުނު.”

އޭނާ ކުޑަދޮރާ ދިމާއަށް ބަލާލިއެވެ.

“އަދި އެއަށްފަހު، ދެން ދުވަހަކުވެސް ނިކަމެއްޗަކަށް ނުވުމަށް އަހަރެން ނިންމިން.”

އާއިރާ އޭނާގެ މޫނަށް ބަލާލިއެވެ.

“ރިޝާން، މިހާރު ހަޤީޤަތުގައި ކުރަނީ ކޮން ކަމެއް؟”

އޭނާ ވަގުތުން ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި ރިޝާން ބުންޏެވެ.

“އަހަރެންގެ މިލްކިއްޔާތުގައި މުދާ އުފުލާ ކުންފުނިތަކާއި، ގުދަންތަކާއި، ވިޔަފާރިތަކާއި އަދި އެހެނިހެން މަޝްރޫޢުތައް އެބަހުރި. މީހުން ސުވާލު ނުކުރާ ފަދަ ތަންތަނުގައި އަހަރެންގެ ގުޅުންތައް އެބަހުރި.”

އާއިރާ އޭނާއަށް ބަލަން ހުއްޓެވެ.

“ރިޝާންއާ ބެހޭގޮތުން އަހަންނަށް ވާހަކަތަކެއް އިވިފައިވޭ.”

“އަހަންނަށް އެނގޭ.”

“މީހުން ބުނަނީ ތިޔައީ ނުރައްކާތެރި މީހެއް ކަމަށް.”

ރިޝާން އާއިރާއަށް ބަލާލިއެވެ.

“އެ މީހުން ބުނާ ބުނުމަކީ މުޅިއަކުން ދޮގެއްވެސް ނޫން.”

އާއިރާ ހިންދިރުވާލިއެވެ.

“ރިޝާން ތިޔަ އުޅެނީ ޣައިރުޤާނޫނީ ވިޔަފާރީގެ ތެރޭގައިތަ؟”

ރިޝާންގެ ހިމޭންކަން އެއީ ފުދޭވަރުގެ ޖަވާބެކެވެ. އާއިރާ މަޑުމަޑުން ގޮނޑީގައި ފަހަތަށް ޖެހިލިއެވެ. “ރިޝާން..”

“އާއިރާ ތިޔަ ހީކުރާ އެއްޗެއް އަހަންނަށް އެނގޭ.”

“އެނގޭތަ ހަމަ؟”

“ކުރިން ރެސްޓޯރެންޓު ކެފޭތަކުގައި މަސައްކަތްކޮށް، ކާފައަށްޓަކައި ފައިސާ އެއްކުރި ކުއްޖާއަށް ވީގޮތާމެދު އާއިރާ ތިޔަ ސުވާލު އުފައްދަނީ..”

އާއިރާ ބޯ ޖަހާލިއެވެ. ރިޝާން އޭނާގެ އަތަށް ބަލާލިއެވެ.

މިވެސް ކިޔާލަން:  ކުޑަކުއްޖާގެ އާދޭސް - 1

“އެ ކުއްޖާ އަދިވެސް މިތަނުގައި އެބަހުރި.. ނަމަވެސް އޭނާއަށް ދަސްކުރަން ނުޖެހޭ ފަދަ ކަންތައްތަކެއް ވަނީ މިހާރު ދަސްވެފަ..”

އާއިރާ ދެން ވަރަށް ފަރުވާތެރިކަމާއެކު ސުވާލެއް ކުރިއެވެ.

“ރިޝާން މި ހުރިހާ އެއްޗެއް ބިނާކުރީ އަހަރެންގެ ސަބަބުންތަ؟”

ރިޝާން ސީދާ އާއިރާގެ ލޮލަށް ބަލާލިއެވެ.

“އަހަރެން މި ހުރިހާ އެއްޗެއް ބިނާކުރީ ކޮންމެހެންވެސް އާއިރާ ހޯދަން ބޭނުންވާތީ..”

އާއިރާގެ ނޭވާ އަވަސްވިއެވެ. “ރިޝާން.. މިހާރު ތިއީ ވާނެ ކަމެއް ނޫން..”

“އަހަރެން ކުރި ކޮންމެ ކަމެއް، އުފެއްދި ކޮންމެ ގުޅުމެއް، ކުރި ކޮންމެ ދަތުރެއް، ހޯދި ކޮންމެ ވިޔަފާރިއެއް އަދި ދަސްކުރި ކޮންމެ މީހަކީވެސް، ނަތީޖާގައި ހަމަ އާއިރާ ހޯދުމުގެ ތެރެއިން ވީ ކަންކަން..”

ރިޝާން ކުރިއަށް ޖެހިލިއެވެ. އަދި ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އަހަންނަށް ވަސީލަތްތަކާއި، ނުފޫޒާއި، ބާރު ބޭނުންވި.. މީހުން ގެއްލެން ބޭނުންވުމުން ދަނީ ކޮންތަނަކަށްކަން އެނގެން އަހަރެން ކޮންމެހެން ބޭނުންވި..”

އާއިރާ ހައިރާންވެ ޤަބޫލުނުކުރެވިފައިވާ ފަދަ ގޮތަކަށް ރިޝާންއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އަހަރެން ހޯދަން ތިހާ ބޮޑު މަސައްކަތެއްކޮށް ކާމިޔާބީއެއް ހޯދީ، ވިޔަފާރިއެއް ބިނާކުރީ؟”

“އާނ.”

“ތިއީ މޮޔަ ކަމެއް.”

“ވެދާނެ.”

“ތި ކަމެއް ކުރީ ކީއްވެ؟”

އޭނާ ހިނިތުންވެލީ އެއްވެސް އުފާވެރިކަމެއް ނެތް ގޮތަކަށެވެ.

“އަހަރެން ދުވަހަކުވެސް ޤަބޫލެއް ނުކުރަން، އާއިރާގެ ހިތުގައި އަހަންނަށް އޮތް ލޯބި ފަނޑުވެދާނެ ކަމަކަށް.”

އާއިރާ އިސްޖަހާލިއެވެ.

“އަދި އަހަރެންގެ ހިތުގައި އާއިރާއަށް އޮތް ލޯބި ދުވަހަކުވެސް ފަނޑުނުވާތީ.”

މުޅި ކޮޓަރިތެރެއަށް ހިމޭންކަން ވެރިވިއެވެ. ދެން ރިޝާން ބުނި ވާހަކައަކީ، އާއިރާގެ މުޅި އުމުރަށްވެސް ހަނދާން ހުންނާނެ ފަދަ ވާހަކައެކެވެ.

“އެންމެން ހީކުރީ ތިއީ ފައިސާވެރި ކުއްޖަކަށްވެފައި، އަހަރެންނަކީ ފައިސާއަށް ގަނެފައި ހުރި މީހެއް ކަމަށް. ނަމަވެސް، އަހަންނަކީ ފަގީރު ފިރިހެން ކުއްޖެއް ކަމާއި، އެންމެ ފަހުން އަހަރެންގެ ޖީބުގައި ހުރި ފައިސާއަށްވުރެ ބޮޑަށް އަހަރެންގެ އަގު ވަޒަންކުރާނެ މީހަކު ފެނުނީކަން އެކަކަށްވެސް ނޭނގެ.”

އާއިރާގެ ލޮލުން އޮހުނު ކަރުނަތައް އޭނާގެ އަތްތިލައަށް ފޭބިއެވެ. ރިޝާން ކުރިއަށް ގެންދިޔައެވެ.

މިވެސް ކިޔާލަން:  ދިގު އިންތިޒާރު - ކުރު ވާހަކަ

“އާއިރާ އަހަރެންގެ ކާފައަށް އާ ދިރިއުޅުމެއް ހޯދައިދިނީ. ހިނިތުންވާން ނޭނގިފައި ހުރި ވަގުތުތަކުގައި އަހަރެން ހިނިތުންވާނެ ސަބަބުތަކެއް ދެއްކީ.. ފައިސާވެރިންގެ މި ބޮޑު ސަހަރުގައި، އަހަރެންނަކީ ހަމައެކަނި ދިރިއުޅުމަށް މަސައްކަތްކުރާ ކުޑަ ރަށެއްގެ ފަގީރު ކުއްޖެއް ނޫންކަން އިޙުސާސްކޮށްދިނީ..”

ރިޝާން ކުޑަކޮށް މަޑުޖެހިލިއެވެ.

“އަދި އަހަރެން އާއިރާގެ ކައިރީގައި ހުރީ ހަމައެކަނި ޝުކުރުވެރިވުމުގެ ގޮތުން ކަމަށް އާއިރާއަށް ހީވި..”

އާއިރާގެ އަނގައިން ބަހެއް ބޭރުވާވަރެއް ނުވިއެވެ. ރިޝާން ޤަބޫލުކުރީ ހަޤީޤަތް ހާމަކުރުމުން ހުރިހާ ކަމެއް ހަމައަކަށް އެޅޭނެ ކަމަށެވެ. އޭނާގެ މި ބޮޑު ކާމިޔާބީގެ ފަހަތުގައިވަނީ އާއިރާކަން އެނގުމުން، އޭނާގެ ލޯބީގެ ފުންމިން އާއިރާއަށް އިހުސާސްވާނެ ކަމަށް އޭނާ އުންމީދުކުރިއެވެ. ނަމަވެސް އޭނާ މުހިންމު ކަމެއް ހަނދާން ނެތުނީއެވެ. އެއް އިރެއްގައި ހުރިހާ އެހީތެރިކަމެއް ޤަބޫލުކުރި އަންހެން ކުއްޖާ، މިއަދު ބަދަލުވެފައިވަނީ އެއްވެސް މީހަކަށް ބަރޯސާނުވާނެ ވަރުގަދަ އަންހެނަކަށެވެ.

އާއިރާ އޭނާގެ ހަދިޔާތަކަށް އިންކާރުކުރިއެވެ. އަގުބޮޑު ހެދުންތަކާއި، ގެއެއް ގަނެދިނުމަށް ހުށަހެޅި ހުށަހެޅުމަށްވެސް ފުރަގަސްދިނެވެ. އާއިރާގެ މަންމަ ހޮސްޕިޓަލަށް ގެންދިއުމަށް ރިޝާން ހަމަޖެއްސި ޑްރައިވަރުގެ އެހީތެރިކަން ހޯދުމަށްވެސް އޭނާ ދެކޮޅު ހެދިއެވެ.

އެއްދުވަހެއްގެ ހަވީރު، ރިޝާންގެ ކެތްތެރިކަން ކޮޅުންލިއެވެ.

“ކޮންމެ ކަމަކަށް ތިޔަ އިންކާރުކުރަނީ ކީއްވެ؟”

“ސަބަބަކީ އަހަރެން ތި ހުރިހާ އެއްޗަކަށް ބޭނުން ނުވާތީ.”

“އަހަރެން މި އުޅެނީ ހަމަ އާއިރާއަށް އެހީވާން.”

“އަހަރެންގެ އަމިއްލަ ނަފްސަށް އެހީވުމުގެ ޤާބިލުކަން އަހަރެންގެ ކިބައިގައި އެބަހުރި.”

ރިޝާން އާއިރާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އަހަރެންގެ ފަރާތުން އެއްޗެއް ޤަބޫލުކުރުން އެއީ ހަމަ އެހާ އުނދަގޫ ކަމެއްތަ؟”

“އާނ ރިޝާން.”

“ކީއްވެ އާއިރާ؟”

“ސަބަބަކީ އަހަރެން އަލުން އެ އިރުގެ އަންހެން ކުއްޖާއަށް ވާން ބޭނުންނުވާތީ.”

“ކޮން ކުއްޖަކަށް؟”

“ފައިސާއިން ރައްކާތެރިކަން ލިބޭނެ ކަމަށާއި، ފައިސާ ހުރުމުން ބަޔަކު އޭނާ ދޫކޮށްލާފައި ނުދާނެކަމަށް ޤަބޫލުކުރި ކުއްޖާއަށް.”

ރިޝާންގެ މޫނުމަތިން މަޑުމޮޅިކަން ފެނިގެންދިޔައެވެ. އާއިރާ ކުރިއަށް ގެންދިޔައެވެ.

މިވެސް ކިޔާލަން:  އައިޝާގެ މޫނުފޮތް - ކުރު ވާހަކަ

“އަހަރެން ބޭނުމެއް ނޫން އަގުބޮޑު ގަނޑުވަރެއްގައި އިނދެ، އަހަރެންގެ ގާތުގައި ހުރި މީހާ އަހަރެންދެކެ ލޯބިވަނީތޯ ނުވަތަ އަހަރެން ހޯދައިދޭ ދިރިއުޅުމަށް ދަހިވެތިވަނީތޯ ސުވާލުކުރާކަށް. އަގުބޮޑު ހަދިޔާތަކަކީ ލޯބީގެ ހެއްކެއް ކަމުގައި ދެކޭކަށްވެސް ބޭނުމެއް ނޫން. އަދި ރިޝާން އަހަރެން ހޯދަން ބިނާކުރި ކާމިޔާބީގެ ސަބަބުން، އަހަރެންގެ މުޅި އުމުރު ރިޝާންއަށް ދަރަނިވެރިވެފައިވާކަމަށް ޤަބޫލުކުރާކަށްވެސް އަހަރެން ބޭނުމެއް ނޫން.”

ރިޝާން ހަރަކާތެއް ނެތި މަޑުން ހުއްޓެވެ. ދެން މަޑުމަޑުން ބޯޖަހާލިއެވެ. “ތިޔައީ ތެދެއް.”

އާއިރާއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާ އާއިރާއާ ގާތަށް ޖެހިލިއެވެ.

“އަހަރެން ބޭނުމެއް ނޫން އާއިރާ އަހަންނަށް އެއްވެސް ކަމެއްގައި ދަރަނިވެރިވާކަށް.”

“ދެން އެހެންވެއްޖެޔާ ރިޝާން ބޭނުމީ ކޮން ކަމެއް؟”

އޭނާ އާއިރާގެ މޫނަށް ބަލާލިއެވެ.

“އަހަރެން ބޭނުމީ ހަމަ އެކަނި އާއިރާ.”

އާއިރާ އިސްޖަހާލިއެވެ.

“މިއަދު ތި ފެންނަ ގޮތަށް ހުރި މީހަކުދެކެ އަހަންނަށް ލޯބިވެވިދާނެ ކަމެއް އަހަންނަކަށް ނޭނގެ..”

ރިޝާން ބޯޖަހާލިއެވެ. “ދެން ލޯބިނުވޭ އާއިރާ..”

އާއިރާ އިސްއުފުލާ ބަލާލިއެވެ. “ލޯބިނުވާށޭ؟”

“އަހަރެން ކުރިން ހުރި ގޮތުގެ ސަބަބުން ލޯބިނުވާށޭ.. އަހަރެން ހޯދި ކާމިޔާބީއަށްޓަކައިވެސް ލޯބިނުވާށޭ.. އަދި އަހަރެން ދޫކޮށްލާފައި ދިއުމުން ކުރެވޭ ހިތާމައެއްގެ ސަބަބުންވެސް ލޯބިނުވާށޭ.”

ރިޝާން އާއިރާގެ އަތުގައި ހިފަން އަތް ދިއްކޮށްލުމަށްފަހު، އަތުގައި ހިފާނުލައި މަޑުޖެހިލިއެވެ.

“އަހަރެން އަލުން ދަސްކުރޭ އާއިރާ.. ކުރިން ލޯބިވި މީހާގެ އެއްވެސް ނިޝާނެއް މިހާރު އަހަރެންގެ ކިބައިގައި ނެތްނަމަ، އަހަރެން ދޫކޮށްލާފައި ދޭ.”

އާއިރާ ވަރަށް ގިނައިރު އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ފުރަތަމަ ފަހަރަށް، އޭނާއަށް އުންމީދު ނުކުރާ ކަމެއް ފެނުނެވެ. އެއީ މުއްސަނދި ވިޔަފާރިވެރިއެއް ނޫނެވެ. ސެކިއުރިޓީންގެ މެދުގައި ހުރި ބިރުވެރި މީހެއްވެސް ނޫނެވެ. މީހުން ބިރުގަންނަ ބާރުގަދަ ޝަޚުސިއްޔަތެއްވެސް ނޫނެވެ. އޭނާއަށް ފެނުނީ ކާފަ ބަލިވެގެން ހޮސްޕިޓަލް ބޭރުގައި ބިރުން އިށީނދެގެން އިން ކުޑަ ފިރިހެން ކުއްޖާއެވެ. އަދި އޭނާގެ ކުރިމަތީގައި މިހުރި މީހާގެ ތެރޭގައި އެ ކުޑަ ކުއްޖާގެ ކިހާ މިންވަރެއް ފޮރުވިފައިވާނެބާވައޭ އާއިރާގެ ހިތަށް އެރިއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top