ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ދުވަހަކުވެސް – ކުރު ވާހަކަ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ޕޮލިހުންގެ ބެލުމުގެ ދަށަށް ގެނެވުނު އިޓަލީ ޒުވާނާގެ ޝަރީއަތް ފެށިގެން ކުރިޔަށްދިޔައިރު ކޯޓްތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ. އޭނާ ދައްކާ ވާހަކަތައް އަޑުއަހާލުމަށް މީހުން ދީފައިވާ ސަމާލުކަން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުން ދިޔައެވެ.

ސިލްވިޔާ އޭނާގެ ވާހަކަތައް ފެށީ އޭނާ އާއި ރާކިން ދިމާވި ހިސާބުންނެވެ.

އުމުރުން ބާވީސް އަހަރުގެ ސިލްވިޔާއަކީ މިހާރުގެ ޒުވާނުން އެންމެ ބޭނުންވާފަދަ ހިމަތޮޅި ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. ބައްޓަން ރިވެތިވެފައި ވަނާތައް ޗާލެވެ. އިސްކޮޅާއި ހަށިގަނޑު އެހާމެ ގުޅެއެވެ. އިސްތަށިގަނޑު ފަންވެފައި ދިގެވެ. އިސްތަށިގަނޑުގައި ޖައްސާލާފައިވާ ރަން ޒާތުގެ ކުލަ އޭނާގެ ގައިގެ ކުލައާއި އެހާމެ ގުޅެއެވެ. އިޓަލީއަށް އުފަން ސިލްވިޔާއަށް ލިބިފައިވަނީ އެންމެ ގިނަ ބަޔަކު އެ ދޮންކަމަށް ޝައުޤުވެރިވާ ދޮންކަމެވެ.

ސިލްވިޔާ ވަޒީފާ އަދާކުރަމުން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ބާވަތްތައް ވިއްކުމުގެ ވިޔަފާރިކުރާ ކުންފުންޏެއްގައެވެ. ވީޑިއޯތަކާއި ފޮޓޯތަކުން އަބަދު ވެސް ދިވެހިރާއްޖޭގެ ހިތްގައިމުކަން ބަލަމުން ދިޔަ ސިލްވިޔާއަކީ ދިވެހިރާއްޖެ އައުމަށް ނުހަނު ބޭނުންވެފައި ހުރި ޒުވާނެކެވެ. ވިޔަފާރީގެ ކަންކަމުގެ ތެރެއިން ވެސް އެތައް ދިވެހިންނަކާއި އޭނާއާ ބައްދަލުވެފައިވެއެވެ. ދިވެހިރާއްޖެއާބެހޭ އެތައް މަޢުލޫމާތެއް އެފަދަ ކޮންމެ ފަހަރަކު ލިބެއެވެ.

ކުންފުނީގެ ފަރާތުން ވިއްކާ ބާވަތްތައް އިސްތިހާރުކުރުމަށް ދިވެހިރާއްޖޭގައި ތައްޔާރުކުރާ ވީޑިއޯ އިސްތިހާރުތަކެއް ކުޅުމުގެ ފުރުސަތު ސިލްވިޔާއަށް ލިބުނެވެ. އެވާހަކަތައް ޤަބޫލުކުރާކަށް ސިލްވިޔާއަކަށް ފަސޭހައެއް ނުވިއެވެ. އޭނާއާ ބައްދަލުވެ އުޅޭ މީހުން އޭނާގެ ރީތިކަމާއި ފުރިހަމަކަމުގެ ވާހަކަ ދައްކާ ތަޢުރީފުކުރި ނަމަވެސް އެފަދަ ފުރުސަތެއް ލިބިދާނެކަމަށް ޤަބޫލެއް ނުކުރެވުނެވެ. އެވާހަކަތަކާއި ގުޅިގެން ދައްކާނެ ވާހަކައެއް ނޭނގިފައި ކަހަލަ ގޮތަކަށް އެތައް އިރެއް ވާންދެން ސިލްވިޔާއަށް އިނދެވުނެވެ.

ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ކިތަންމެ ބޭނުންވި ނަމަވެސް ސިލްވިޔާ އާނބަސް ބުނީ ޢާއިލާގެ ވެސް ރުހުމާއިއެކުގައެވެ.

މީގެ ކުރިން ދުވަހަކު ވެސް ދިވެހިރާއްޖެ އައިސްފައިވާ ނުވާ ސިލްވިޔާއަށް ދިވެހިރާއްޖެ އައުމުގެ ފުރުސަތު ލިބުން ވެގެންދިޔައީ  އޭނާއަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކަށެވެ. އެތައް އަހަރެއްވީ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ދިވެހިރާއްޖޭގެ ރަސްމީ އެއާރޕޯޓަށް ފްލައިޓް ޖެއްސީ ފަތިހު ފަސްގަޑި ބައިކަން ހާއިރުއެވެ. ދިވެހިރާއްޖެ އައުމަށް ނުހަނު ބޭނުންވެފައިހުރި ސިލްވިޔާ އަވަސްއަވަހަށް ފުލައިޓުން ފޭބިއެވެ. ދިވެހިންނަކީ އޯގާތެރި ހިތްހެޔޮ ބަޔެކެވެ. ހިނިތުންވެލުމާއިއެކު މަރުޙަބާ ކިޔާ ކިޔުމާއި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ބައެކެވެ. ވިޔަފާރީގެ ތެރެއިން ބައްދަލުވި ދިވެހިން ދިވެހިންނާއި ބެހޭގޮތުން ދެއްކި ވާހަކަތައް ސިލްވިޔާއަށް ޤަބޫލު ކުރެވުނެވެ.

ފަނަރަ ދުވަހުގެ އެ ދަތުރުގައި ރާއްޖޭގެ ހަތަރު ރިސޯޓެއްގައި ސިލްވިޔާމެން މަޑުކުރުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މަންޒިލަކީ މާލެ އަތޮޅު ރިސޯޓެކެވެ. އެއާރޕޯޓުން ނުކުތްއިރު ލާންޗު އޮތީ ތައްޔާރަށެވެ. ދިވެހިރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ފެނި ސިލްވިޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވީޑިއޯތަކާއި ފޮޓޯތަކުން އެހެން ފެނުނު ނަމަވެސް ދިވެހިރާއްޖެ މިހާ ރީތިވެފައި ފުރިހަމަ ވާނެކަމަކަށް އޭނާ ހިޔެއްނުކުރެއެވެ. ޤުދުރަތުން ދިވެހިރާއްޖެއަށް ދެއްވާފައިވާ ރީތިކަމާއި ފުރިހަމަކަމަށް ބަލަހައްޓައިގެން އެތައް އިރަކު ސިލްވިޔާއަށް ހުރެވުނެވެ.

އިސްތިހާރުތަކުގެ ވީޑިއޯ މަސައްކަތް ކުރުމަށް ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ސްޓޫޑިއޯއެކެވެ. ސްޓޫޑިއޯގެ ޓީމާއި ސިލްވިޔާމެން ބައްދަލުކުރީ އެރޭގެ ނުވައެއް ޖަހާކަން ހާއިރުއެވެ.

މިވެސް ކިޔާލަން:  އެއީ ކާކު؟ - ކުރު ވާހަކަ

ރެއަކީ ހަނދުމަހެއްގެ ސާދަވިލޭރެއަށް ވާތީ ބިމުގައި ރަސްކަން ކުރަމުންދިޔައީ ހަނދުވަރުގެ ފުރިހަމަ އަލިކަމެވެ. ހިތްތަކަށް ހަމަޖެހުން ގެނުވާފަދަ މަޑުމަޑު ވަރަކަށް ވައި ޖެހެމުންދިޔައެވެ. މަޑުމަޑުން ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތަކާއިއެކު މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. މުޅި ސަރަހައްދުގައި ރަސްކަން ކުރަމުންދިޔައީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ.

ފޯނާއި ކުޅެމުން ކުޅެމުން ރޫމާއި ދިމާއިން އަތިރިއަށް ނުކުތް ރާކިންގެ ލޮލުގައި ސިލްވިޔާ އަޅައިގަތީ ކުއްލިއަކަށެވެ. ވަށައިގެން ހޯދާލިއިރު އެ ދެމީހުން ފިޔަވާ އެހެން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފުރަތަމަ ފެނިލުމާއިއެކު ވެސް ސިލްވިޔާއާ ބައްދަލުކޮށްލަން ބޭނުންވެފައި ހުރި ރާކިން އެދިމާއަށް ހިނގައިގަތެވެ. މޫދާއި ދިމާއަށް ބަލަހައްޓައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ކަހަލަ ގޮތަކަށް ހުރި ސިލްވިޔާ އަކަށް އެކަމެއް ނޭނގެއެވެ.

ސިލްވިޔާ ކައިރިއަށް މަޑުކޮށްލަމުން ރާކިން ގޮވާލުމާއިއެކު ސިލްވިޔާ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް އެނބުރިލަމުން ފަހަތް ބަލާލިއެވެ. އޭނާއާ ދިމާއަށް އައި ރާކިން ފެނުމުން ސިލްވިޔާ ހިނިތުންވެލިއެވެ.

ރާކިން އެދުނު ފަދައިން އޭނާއާ ވާހަކަ ދައްކާލަން ސިލްވިޔާ މަޑުކުރިއެވެ. ދެމީހުން މަޑުކޮށްލައިގެން ތިބީ އަތިރިމަތީގައި ހުރި ގޮނޑިތަކުން ދެ ގޮނޑިއެއްގައެވެ.

ވީޑިއޯތައް ނެގުމުގެ މަސައްކަތުގައި ދުވާލުގެ ބޮޑުބައެއް ހޭދަކުރަން ޖެހުނެވެ. އެކުގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުންނާއި އެކުގައި ހޭދަކުރަމުންދިޔަ ވަގުތުތަކުގެ ގިނަކަމުން އެންމެންގެ މެދުގައި ވަރަށް އަވަހަށް ގުޅުން ބަދަހިވެގެން ދިޔައެވެ. އެންމެންގެ ވެސް މަޤުސަދަކީ އެއް މަޤުސަދަކަށްވާތީ ޓީމްވޯކް ކިހާ މުހިންމުކަން އެންމެނަށް ވެސް އެނގެއެވެ.

ނިވާކަން ކުޑަ ޒަމާނީ ހެދުންތަކުގައި އޭނާގެ ކުޅަދާނަކަމާއި ފަރިކަން ދައްކަމުންދިޔަ ސިލްވިޔާގެ ހަރަކާތްތައް ކިތަންމެހާ ވެސް ފުރިހަމައެވެ. ސިލްވިޔާއަކީ އެކަމަށް އެންމެ ޤާބިލު މީހާކަން އޭނާ ސާބިތުކޮށްދިނެވެ. އެކަމާއި ސުވާލު އުފައްދާނެ ޖާގައެއް އެކަކަށް ވެސް ނެތެވެ. ދެވުނު ފުރުސަތާއިމެދު ކުންފުނީގެ މެނޭޖްމަންޓުން އުފާކުރިއެވެ.

ލިބޭ ކޮންމެ ފުރުސަތެއްގައި ކަހަލަ ގޮތަކަށް ސިލްވިޔާއަށް ތަޢުރީފުކޮށްލުމަކީ ރާކިންގެ އާދައަކަށްވިއެވެ. ސިލްވިޔާގެ ރީތި ވާހަކަ އާއި އެކްޓްކުރަން މޮޅު ވާހަކަ އަބަދުހެން ދައްކައެވެ. އިސްތިހާރުތައް ދައްކަން ފެށުމާއިއެކު ސިލްވިޔާ ވަރަށް ބޮޑަށް މަޝްހޫރުވެގެން ދާނެކަމަށް ބުނެއެވެ. މިފަދަ އެތައް ފުރުސަތެއް ލިބޭނެކަން ޔަގީންވާކަމަށް ބުނެއެވެ.

ރާކިންއާ އެކުގައި ހޭދަކުރަމުންދިޔަ ވަގުތުތަކާއި ރާކިންގެ ފަރާތުން ލިބެމުންދިޔަ ތަޢުރީފުގެ ސަބަބުން ސިލްވިޔާގެ ހިތުން ވެސް ރާކިންއަށް ޚާއްސަ ސަމާލުކަމެއް ދެވުނެވެ. ރާކިންއާ ވާހަކަ ދައްކަން ބޭނުންވާން ފެށިއެވެ.

ރޭގަނޑުގެ އެގާރަ ޖަހާކަން ހާއިރެވެ. ކޮފީއެއް ބޯލައިގެން ވާހަކަ ދައްކަމުން ދައްކަމުން އައި ރާކިން އާއި ސިލްވިޔާ ވަނީ ސިލްވިޔާ އުޅޭ ވޯޓާރވިލާ ރޫމަށެވެ. ކުރިން ތިބި ރިސޯޓްގައި ސިލްވިޔާ އާއި ރާކިން ތިބީ ކައިރީ ހުރި ދެ ރޫމްގައި ނަމަވެސް މިފަހަރު އެހެނެއް ނުވިއެވެ. ސިލްވިޔާ އާއި ރާކިން ވާހަކަ ދައްކަންތިބީ ވޯޓާރވިލާގެ ޑެގްގައެވެ.

ވިދާލި ވިދުވަރުގެ ފަހަތުން ކަހަލަ ގޮތަކަށް ޖަހާލި ގުގުރީގެ ބާރު އަޑާއިއެކު ސިލްވިޔާ ދިޔައީ ސިއްސައިގެންނެވެ. އެހީއަކަށް އެދޭފަދައަކުން ރޮއިގަންނަމުން ރާކިންގެ ގައިގާ ބައްދައިގަތެވެ. ގަދަ ވަޔާއިއެކު ވިދާ ގުގުރާ ވާރޭ ވެހިގަތީ ކުއްލިއަކަށެވެ. ޖެހެމުންދިޔަ ބާރުވަޔާއިއެކު ވިއްސަމުންދިޔަ ވާރޭއިން ސަލާމަތްވާން ރޫމަށް ވަންނަން ރާކިން މަސައްކަތްކުރި ނަމަވެސް ސިލްވިޔާ ހުރީ ރާކިންގެ ގައިން ދޫކޮށްލާ ގޮތަކަށް ނޫނެވެ. އޭނާ ބިރުން ތުރުތުރު އަޅަނީއެވެ. އެންމެ ސިކުންތަކަށް ވެސް ރާކިންއާ ދުރުވާކަށް ބޭނުމެއް ނުވިއެވެ. އެހީއަކަށް އެދެމުން އާދޭސް ވެސް ކުރަނީއެވެ.

މިވެސް ކިޔާލަން:  ނޫކުލައިގެ ސްޓިކާ - ކުރު ވާހަކަ

ސިލްވިޔާގެ ގައިގާ ބައްދާލައިގެން ހުރި ރާކިން މަޑުމަޑުން އޭނާ ގޮވައިގެން ރޫމަށް ވަނެވެ. ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ގޮނޑިއެއްގައި ބޭނދިއެވެ. ރާކިންގެ އަތުން ސިލްވިޔާ ދޫކޮށެއް ނުލިއެވެ. އޭނާއާ ދުރަށް ނުދިއުމަށް ތަކުރާރުކޮށް އެދެމުންދިޔައެވެ.

ސިލްވިޔާ ކުޑަކޮށް ވެސް ހަމައަކަށް އެޅުނީ ދެ ގަޑިއެއްގެ ހާއިރު ފަހުންނެވެ. ވިދާ ގުގުރުން ހުއްޓި ވާރޭ ވެސް އޭރު ތުނިކޮށްލައިފިއެވެ.

ސިލްވިޔާ ކައިރީ މަޑުކޮށްލައިގެން އިން ރާކިން އެ ރޫމުން ނުކުމެގެން ދިޔައީ ސިލްވިޔާއަށް ނިދުނު ފަހުންނެވެ.

ރާކިން އާއި ސިލްވިޔާގެ މެދުގައި މާ ޚާއްސަ ގުޅުމެއް އޮންނަކަން އެންމެ ފުރަތަމަ ފާހަގަވީ ރާކިންއާ އެކުގައި މަސައްކަތް ކުރަން އައިސް އުޅުނު މީހުންގެ ތެރެއިން ކާމިލް އަށެވެ. ޝައްކުވި ހިސާބުން ކާމިލް އެވާހަކަ ދެއްކިއެވެ. ކާމިލްއަކީ ރާކިންގެ ޚާއްސަ ރަހުމަތްތެރިއެކެވެ. ކާމިލްގެ އެވާހަކަތަކަށް ދެކޮޅު ހަދާކަށް ރާކިން ނޫޅެއެވެ. ހިތުގައި އޮތްގޮތާއި މަޤުސަދު ވަރަށް ސާފުކޮށް ބުންޏެވެ. ކަންތައް ގޮސްފައިވާ ހިސާބު ކިޔައިދެމުން އެކަން ކާމިޔާބު ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ބުންޏެވެ.

ކުރަން އައި މަސައްކަތް ބޭނުންވި ފެންވަރުގައި ނިންމާލެވުމުން އެންމެން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

އެންމެ ފަހުގެ ބައްދަލުވުން އޮތީ ފުރަން އޮތް ދުވަހުގެ ކުރީ ރެއެވެ. އޭނާއަށް އެފަދަ ފުރުސަތެއް ފަހިކޮށްދިނީތީ ކުންފުނީގެ މެނޭޖްމަންޓަށް ރާކިން ޝުކުރުއަދާކުރިއެވެ. ސިލްވިޔާ ފަދަ ހުނަރުވެރި ކުޅަދާނަ ރީތި ކުއްޖެއް އެމީހުނަށް ލިބުނުކަމީ ނަސީބު ކަމަށް ބުންޏެވެ. ސިލްވިޔާގެ ސަބަބުން އިސްތިހާރުތަކުގެ ފުރިހަމަކަން އިތުރުވެގެންދާނެކަން ޔަގީންވާ ކަމަށް ވެސް ބުންޏެވެ.

އެގާރަ ޖަހާކަން ހާއިރެވެ. ފުރުމުގެ ކުރިން ސިލްވިޔާއާ ބައްދަލުކުރަން ރާކިން ބޭނުންވިއެވެ. ސިލްވިޔާ ހުރީ އެ ދަޢުވަތުގެ އިންތިޒާރުގައި ކަހަލައެވެ. ފޯނުކޮށްފައި އެވާހަކަ ބުނުމާއިއެކު އަންނަން ބުންޏެވެ.

ރާއްޖެއިން ފުރައިގެން ދާން ޖެހުމުން އެންމެ ދެރަވި މީހަކީ ސިލްވިޔާއެވެ. ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ދެކިލުމަށް އައި ސިލްވިޔާގެ، މިސްރާބު ބަދަލުވެގެން ދިޔައިރު ރާއްޖޭގެ ރީތިކަމާއި ފުރިހަމަ ކަމަށްވުރެ ބޮޑަށް އެހެން ކަމަކަށް ހިތް ޖެހުނެވެ. ހިތުގެ އަޑިން ގޮވަމުންދިޔަ އެ ގޮވުމުގެ އަޑު ގަދަވާން ފެށިއެވެ. އެ ހަނދާންތައް ދުވަހަކު ވެސް ހިތަކުން ފިލައިގެން ނުދާނެކަމަށް ބުނެވެން ފެށިއެވެ.

ދެވަނަ ފަހަރަށް ސިލްވިޔާ އާއި ރާކިން ބައްދަލުވީ ޗުއްޓީއަކަށް ރާކިން އިޓަލީއަށް ކުރި ދަތުރުގައެވެ. ރާކިން ހުރީ ސިލްވިޔާ ކައިރީ އޭނާގެ ގޭގައެވެ. ރާކިން ބުނި ގޮތުގައި އޭނާ އިޓަލީއަށް އައީ ސިލްވިޔާއާ ބައްދަލުކުރުމުގެ އިތުރުން ވިޔަފާރި ވެސް ކޮށްލާށެވެ. ރައްޓެއްސެއްގެ ބައެއް މުދަލާއި އޭނާގެ ސްޓޫޑިއޯއަށް ބޭނުންވާ ބައެއް ކަހަލަ ތަކެތި ގަނެލާށެވެ. އޭނާ ބޭނުންވާ ސާމާނު އިޓަލީއިން މާ އަގުހެޔޮކަމަށް ލިބޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

ރާކިން އިޓަލީއަށް ދިޔައީ ދެކޮޅު ދަތުރުގެ ހުރިހާ ކަމެއް ނިންމާފައެވެ. ރާކިންއާއެކު ރާއްޖެ އައުމަށް ތައްޔާރުވަމުންދިޔަ ސިލްވިޔާ މަސައްކަތްކުރީ ރާކިންއާ އެއް ފުލައިޓަކުން ދަތުރު ހަމަޖައްސާށެވެ. އުޅެވުނުލެއް ލަސްކަމުން އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އެންމެ ކައިރިން ލިބެން އޮތް ފުރުސަތުގެ ބޭނުން ހިފުމަށް ސިލްވިޔާ ނިންމީ ރާކިންގެ ވެސް ލަފާގެ މަތިންނެވެ.

މިވެސް ކިޔާލަން:  ސޫރަ - ނުވަވަނަ ބައި

ފަތިހު ހަތަރެއް ޖަހާކަން ހާއިރެވެ. ފުރަން އެއާރޕޯޓަށް އައީ ސިލްވިޔާ އާއި ރާކިން އެކުގައެވެ. ދެ ފްލައިޓްގެ ދެމެދުގައި ބައި ގަޑިއެއްހާއިރުގެ ތަފާތެއް ހުއްޓަސް ރާކިން ބޭނުންވީ ސިލްވިޔާ ފުރުވަން ދާށެވެ. އެއްދަނުގައި ދެބުޅި ޖަހާށެވެ. ސިލްވިޔާ ފުރުވާފައި އޭނާއަށް އެތަނުގައި މަޑުކޮށްލެވިދާނެއެވެ. އޭރުން ކާރުގައި އިތުރު ދަތުރެއް ނުކޮށް ވާނެއެވެ.

ރާކިން ލައިގެން ހުރި ފިނިޖެކެޓް ބާލައި ސިލްވިޔާ ލެއްވިއެވެ. މިހާ ފިނި އިރެއްގައި އެހެން މާ ގިނައިރު ހުންނަން ވެއްޖެނަމަ ސިލްވިޔާއަށް ރޯގާ ޖެހިދާނެތީ އޭނާ ކަންބޮޑުވިއެވެ. އޭރުން ދަތުރުގެ އުފަލާއި ހިތްހަމަޖެހުން ގެއްލި ހިތާމަކުރަން ޖެހިދާނެކަމަށް ވެސް ބުންޏެވެ.

ކުރިން ވެސް ރާއްޖެ އައިސްފައިވާތީ އާއި ކަންތައް ކުރަންވީ ގޮތް ރާކިން ކިޔައިދީފައި ވާތީ ސިލްވިޔާ ކަންބޮޑެއް ނުވެއެވެ. އެހެން ވެސް ދަތުރުވެރިން ފަދައިން ފްލައިޓުން ފައިބައިގެން ސިލްވިޔާ ހިނގައިގަތެވެ. ރާކިން އައުމުގެ ކުރިން އޭނާގެ ހުރިހާ ކަމެއް އަމިއްލައަށް ނިންމާލުމަށް އޭނާ ވިސްނިއެވެ. ކޮނޑުގައި ކުޑަވަރެއްގެ ދަބަހެއް އަޅުވާލައިގެން ހުރި ސިލްވިޔާގެ ކިބައިން ފެންނަމުންދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ.

ޗެކިންގެ މަރުހަލާގެ ތެރެއިން ކުއްލިއަކަށް ފެނުނު މަންޒަރާއިއެކު ސިލްވިޔާ ދިޔައީ ސިއްސައިގެންނެވެ. ޤަބޫލު ނުކުރެވިގެން ކަހަލަ ގޮތަކަށް ދެއަތަކަށް ބޯ ހަލުވާލެވުނުއިރު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. އެއީ އޭނާގެ އެއްޗެއް ނޫންކަމަށް ބުނެ ރޯން ވެސް ފެށިއްޖެއެވެ.

އެއްބަސް ވިޔަސް ނުވިޔަސް އެކަމާއި ދެކޮޅަށް ކިތަންމެ ވާހަކައެއް ދެއްކިޔަސް މަސްތުވާ ތަކެތި ފެނުނީ ސިލްވިޔާ ގެންގުޅުނު ޖެކެޓްގެ ތެރެއިންނެވެ. ފިނިއިރު ލުމަށް ޚާއްސަކޮށްފައިވާ އެ ޖެކެޓަކީ ތިން ފަށަލައަކަށް ވާކަހަލަ ގޮތަކަށް، އެކަމަށް ޚާއްސަ ފޮއްޗަކުން ފަހާފައިވާ ބޯ ކެހެރީގެ ޖެކެޓެކެވެ. މަސްތުވާ ތަކެތި ރައްކާކޮށްފައިހުރީ ފެހުމަށްޓަކައި މަޅާފައިވާ ބައެއް ތަންތަނަށް ލާފައިވާ ކުދިކުދި ހޮޅިކޮޅުތަކެއްގައެވެ.

ކަންތައް ވީގޮތް ސިލްވިޔާ ކިޔައިދިން ނަމަވެސް ހެއްކެއް ނުދެއްކުނެވެ. މަސްތުވާ ތަކެއްޗާއިއެކު ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ސިލްވިޔާ ކިޔައިދިނީ ކަން ހިނގާދިޔަ ގޮތެވެ. އެކަމާއި ދެކޮޅަށް ދައްކާނެ އިތުރު ވާހަކައެއް ދެއްކޭނެ ހެއްކެއް ނެތްކަމަށް ވެސް ބުންޏެވެ.

ސިލްވިޔާއާ ހިސާބުން ހުރިހާކަމެއް ނިމުނީކަމަށް ހީވި ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ދިވެހި ފުލުހުންނާއި އިޓަލީގެ ފުލުހުން ގުޅިގެން ހިންގި ފުޅާ ތަހުޤީޤުގެ ތެރެއިން ރާކިން އަތުލައިގަތެވެ. ރާއްޖޭން ފުރައިގެން ދިޔައިރު އާއި ރާއްޖެ އަންނަން އިޓަލީގެ އެއަރޕޯޓަށް ވަތްއިރު ވެސް ރާކިން ލައިގެން ހުރީ އެ ޖެކެޓެވެ. އެއާރޕޯޓް ތެރެއިން އެ ޖެކެޓް ސިލްވިޔާ ލައްވާ މަންޒަރުގެ ވީޑިއޯ ވެސް ހުއްޓެވެ.

ޕޮލިހުންގެ ބެލުމުގެ ދަށަށް ގެނެވުނު ރާކިންއާ ދެކޮޅަށް ހުށަހެޅި ހެކިތަކުން ސަލާމަތްވާނެ އެއްވެސް މަގެއް އޭނާއަކަށް ނުހޯދުނެވެ. ޕޮލިހުން ތިބީ އެވަރަށް އެކަމަށް ތައްޔާރުވެގެންނެވެ.

ރާކިން އޭނާގެ ކުށަށް އެއްބަސްވި ހިސާބުން ސިލްވިޔާ މިނިވަންވިއެވެ. ކިތަންމެ ގާތް ގުޅުމެއް އޮތްނަމަވެސް އިތުބާރުކުރުމުގައި މިންގަނޑެއް އޮންނަންވާނެކަން މިއަދު ސިލްވިޔާއަށް ތަޖުރިބާ ކުރެވިއްޖެއެވެ. އުފަލުން ހެމުން ރާއްޖެ އައި ސިލްވިޔާ ރާއްޖެއިން ފުރައިގެން ދާން ޖެހުނީ ރޮމުންރޮމުންނެވެ. ނާމާންކަމާއި ބިރުވެރިކަމުން ފުރިގެންވީ އެ ދަތުރުގެ ހަނދާންތައް ދުވަހަކު ވެސް އޭނާގެ ހިތުން ފިލައިގެން ނުދާނެއެވެ.

(ނިމުނީ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top