އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި “މަހިބަދޫ ތާރޑް ޔޫތު ވޮލީބޯލް ކަޕް 2026” ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ ބަލިކޮށް ބޮއިލިންގް ހެޑް ހޯދައިފިއެވެ. ރޭ ކުޅެވުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.
ފުރަތަމަ ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އެވެ. ސެޓް ފެށިގޮތަށް ލީޑުގައި އޮވެގެން ކުޅެމުންދިޔަ ކާލާމަންނަ އާއި ބޮއިލިންގް ހެޑުން ނަތީޖާ ކައިރިކުރި އެވެ. އަދި ފަހަތުން އަރައި 24-24 އިން އެއްވަރު ވެސް ކުރިއެވެ. ފަހަތުން އަރައި ލީޑު ނެގި މި ސެޓް ބޮއިލިންގް ހެޑް ކާމިޔާބު ކުރީ 26-28 އިންނެވެ.
ދެވަނަ ސެޓް ފަށައިގެން މޮޅަށް ކުޅުނީ ބޮއިލިންގް ހެޑް ނަމަވެސް ފަހަތުން އަރައި 12-12 އިން ކާލާމަންނަ ނަތީޖާ ހަމަހަމަކުރިއެވެ. ފަހަތުން އަރައި ލީޑު ނެގި ކާލާމަންނަ އެ ލީޑުގައި އޮވެ ކުޅެމުން ދަނިކޮށް ބޮއިލިންގް ހެޑުން ވަނީ 24-24 އިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެ ޓީމު ދެ ފަހަރު ލީޑުގައި އޮވެ ކުޅެމުންދިޔަ މި ސެޓް ކާލާމަންނަ ކާމިޔާބުކުރީ 26-28 އިންނެވެ.
ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު ފައިނަލް މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ. މިއަހަރު ވެސް ތަށި ހޯދުމަށް ނުކުތް ކާލާމަންނައިން ތިންވަނަ ސެޓްގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، މިދިޔަ އަހަރުގެ ނާކާމިޔާބު ހަނދާން ނައްތާލުމަށް މަސައްކަތް ކުރަމުންދިޔަ ބޮއިލިންގް ހެޑުން މި ސެޓްގައި ވެސް ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ގިނަ ވަގުތު ލީޑުގައި އޮވެ ކުޅެމުންދިޔަ ބޮއިލިންގް ހެޑް މި ސެޓް ކާމިޔާބު ކުރީ 16-25 އިންނެވެ.

ފޮޓޯ: ޢަބްދުﷲ ޒިޔާދު
ފައިނަލް މެޗު ކާމިޔާބު ކުރުމަށްޓަކައި ހަތަރުވަނަ ސެޓުން މޮޅުވާން ކާލާމަންނައަށް މަޖުބޫރުވިއިރު، މި ސެޓްގައި އެ ޓީމުން ވަނީ ކުރިން ކުޅުނު ތިން ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗު ފެށިގޮތަށް ލީޑުގައި އޮވެ ކުޅެމުންދިޔަ ކާލާމަންނަ މި ސެޓް ކާމިޔާބު ކުރީ 11-25 އިންނެވެ.
ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު ފަސްވަނަ ސެޓާއި ކުރިމަތިލީއިރު، ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ އުންމީދާއި ހިތްވަރެވެ. ޗެމްޕިއަންކަން ހޯދުމަށް ބޭނުންވެފައިވާވަރެވެ. ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި ސެޓް ދިޔައީ ދެ ފަހަރު ދެކޮޅަށް ކުރި ލިބެމުން ކަހަލަ ގޮތަކަށެވެ. މެޗުގެ ފަހުކޮޅަށް ދިޔައިރު، ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ. މި ސެޓް 21-23 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބޮއިލިންގް ހެޑް އެވެ.
3 ސެޓް 2 ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ބޮއިލިންގް ހެޑް ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޮއިލިންގް ހެޑްގެ އަބްދުލް މަހަދީރު އެވެ.
މި ޑިވިޝަންގެ އެހެނިހެން މަގާމްތަކަށް ބަލާލާއިރު، މި ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބޮއިލިންގް ހެޑްގެ އަބްދުލް މަހަދީރު އެވެ. މި ޑިވިޝަންގެ އެންމެ މޮޅު ލިބަރޯއަކީ ކާލާމަންނަ ޓީމުގެ ހަސަން ސާތިއު އެވެ. މި ޑިވިޝަންގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ލިލީ ބީޗް ރިސޯޓްގެ މުޙައްމަދު އިކުރާމް އެވެ. މި ޑިވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކާލާމަންނަ ޓީމުގެ އާރިއަން ބަލިއަން، ބޮއިލިންގް ހެޑްގެ އަބްދުލް މަހަދީރު، ހިޓްހެޑްގެ ކަވިންދު ޕަބަސަރާ ޗަންދުރާ ސިރީ، ޑެމިއޯގެ މުޙައްމަދު އަލީ، ބޮއިލިންގް ހެޑްގެ މަހްދީ މުޙައްމަދު އަދި ލިލީ ބީޗް ރިސޯޓްގެ މުހައްމަދު އިކުރާމް އެވެ. މި ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ބޮއިލިންގް ހެޑްގެ ކޯޗް މުޙައްމަދު ރިޝްވާން އެވެ.
