ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހާލު ލޯބީގެ ކިޔާދެމޭ.. ލޯބީގެ އޮލިމްޕިކްސް: ކާމިޔާބުވަނީ ކާކު؟
މުނިއަވަސް ގްރެފިކްސް

“ކިހިނެއްވީ؟”
“ކަމެއް ނުވޭ.. އަހަރެން ރަނގަޅު.”
“ޔަގީންތަ؟”
“ބުނެފީމެއްނު ރަނގަޅޭ.”

އަދި ހަމަ އެއާއެކު، ލޯބީގެ ގުޅުމުގެ އޮލިމްޕިކްސްގެ އައު ބުރެއް ފެށުނީއެވެ.

ކޮންމެ ގުޅުމެއްގައިވެސް ކަހަލަ ގޮތަކަށް، “އަހަރެން ރަނގަޅު” އޭ ބުނާ ބަހުގެ ހަޤީޤީ މާނައާ ދިމާނުވާ ހާލަތްތައް ދިމާވެއެވެ. ބައެއް ފަހަރު އޭގެ މާނައަކީ ހަމަ ހަޤީޤަތުގައިވެސް ހުރިހާ ކަމެއް ރަނގަޅުވުމެވެ. ނަމަވެސް، އަނެއްބައި ފަހަރު އޭގެ ފަހަތުގައި ސިއްރުވެފައިވަނީ، “އަހަރެން ދެރަވެއްޖެ”، “އަހަރެން މާޔޫސްވެއްޖެ”، “އަހަރެން ހާސްވެއްޖެ” ނުވަތަ “އަހަރެން ބަޔާންކޮށްދޭން ނުޖެހި، އަހަރެންގެ އިޙުސާސްތައް ތިބާއަށް ފަހުމްވާނެ ނަމައޭ” ހިތަށް އެރުމެވެ.

ލޯބީގެ ގުޅުންތަކުގައި ފާހަގަކުރެވޭ މަޖާ ކަމަކީ، އަހަރެމެންނާ އެންމެ ގާތްކޮށް އުޅޭ މީހާއަކީ އަހަރެމެންގެ ހިތް ކިޔަން އެނގޭ މީހަކަށް ވާނެކަމަށް އުންމީދު ކުރެވޭ ކަމެވެ. އެމީހަކު އަހަރެމެންދެކެ ހަޤީޤީ ލޯބިވާނަމަ، އަހަރެމެންގެ މިޒާޖަށް އަންނަ ބަދަލުތަކާއި، ކުއްލިއަކަށް ހަމަހިމޭންވާ ސަބަބާއި، ނުވަތަ އެއްވެސް ކަމެއް ނުވެއޭ ބުނަމުން ފޯނަށް ގެއްލިފައި ހުންނަ ސަބަބު އަމިއްލައަށް އެނގެންވާނެ ކަމަށް އަހަރެމެން ޤަބޫލުކުރަމުއެވެ.

ނަމަވެސް ލޯބީގެ ގުޅުން ކިތަންމެ ވަރުގަދަޔަސް، އެއީ މީހުންގެ ހިތުގައިވާ އެއްޗެއް ދެނެގަނެވޭނެ ފަދަ އާދަޔާ ޚިލާފު ބާރެއް ލިބިދޭ ކަމެއް ނޫނެވެ.

ބައެއް ފަހަރު އަހަރެމެން ރުޅިއައިސްފައި ތިބޭއިރު، އެއީ ކީއްވެގެންކަން އަމިއްލައަށްވެސް ރަނގަޅަށް ބަޔާންކޮށްދޭން ނޭނގިދާނެއެވެ. އެއީ ވަރުބަލިވުމުގެ ސަބަބުން ނުވަތަ ނަފްސާނީ ގޮތުން އިޙުސާސްތައް ބަރުދާސްތު ނުކުރެވުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ދުވަހުގެ ކުރީކޮޅު ދިމާވި ކަމަކާ ހެދި ލިބުނު ނުތަނަވަސްކަމެއްގެ ސަބަބުން، އިޙުސާސްތައް ބަހުން ބަޔާންކޮށްދޭން އުނދަގޫވަނީއެވެ. މިފަދަ ހާލަތްތަކުގައި މީހަކު ސުވާލުކުރުމުން “އަހަރެން ރަނގަޅު” އޭ ބުނުން ވަނީ އެންމެ ފަސޭހަ ޖަވާބަށެވެ. އެއީ ހުރިހާ ކަމެއް ތަފްސީލުކޮށްދިނުމަކީ މާ ބޮޑު ތަކުލީފަކަށް ވާތީއެވެ.

މިވެސް ކިޔާލަން:  ސޫރަތުލް ކަހަފުގައި ހިމެނޭ ސިއްރުތައް

އަނެއްބައި ފަހަރު، “އަހަރެން ރަނގަޅު” އަކީ އަމިއްލަ ނަފްސު ދިފާއުކުރުމަށް ލެވޭ ފާރެކެވެ.

“ތިކަމުން އަހަރެންގެ ހިތުގައި ޖެހިއްޖެ” އޭ ބުނުމުގެ ބަދަލުގައި “ކަމެއް ނުވެއޭ” ބުނެވެއެވެ. “އަހަރެންނަށް މިއަދު އަޅާނުލާ ދޫކޮށްލެވުނުކަމުގެ އިޙުސާސް ކުރެވުނޭ” ބުނުމުގެ ބަދަލުގައި “އެކަން ބާއްވާށޭ” ބުނެވެއެވެ. އަދި އަނެކާގެ ފަރާތުން ހިތްހަމަޖެހުމަކަށް އެދުމުގެ ބަދަލުގައި “ބޭނުން ކަމެއް ކުރާށޭ” ބުނާއިރު، ހިތުގެ އަޑިން އެދެވެނީ އެއީ މަޖާޒީ ބަހެއްކަން އަނެކާއަށް ފަހުމްވުމަށެވެ.

ގުޅުންތަކުގައި ބައެއް ފަހަރު ލިޔެވިފައިނުވާ “ސަބްޓައިޓްލް” ތަކެއް ހުރެއެވެ.

“އަހަރެން ރަނގަޅު” ގެ މާނައަކީ “އާދޭސްކޮށްފައި އަދި އެއްފަހަރު އަހާލަދީ.”
“އެއްވެސް ކަމެއް ނުވޭ” ގެ މާނައަކީ “ޔަގީނުންވެސް ކަމެއް ގޯސްވެއްޖެ.”
“ބޭނުން ކަމެއް ކުރޭ” ގެ މާނައަކީ “އާދޭސްކޮށްފައި ތިކަން ނުކުރޭ.”

އަދި ބައެއް ފަހަރު، މުޅި ދިގު ވާހަކައަކަށްވުރެ ހަނިހިމޭންކަމުގެ މާނަ މާ ފުންވެފައި މާ ގިނަ ވާހަކަތަކެއް ބުނެދެއެވެ.

މިއީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފައްދާ ބުރައަކަށް ވެސް ވެދާނެއެވެ. އެކަކު ހިތަށްއަރަނީ، “ލޯބިވާނަމަ ކިހިނެއްވީކަން އެނގެންވާނެ” ކަމަށެވެ. އަނެކާ ހިތަށްއަރަނީ، “ކަމެއް ގޯސްވެފައިވާނަމަ ބުނީމާ ނިމުނީ ނޫންހޭ” ކަމަށެވެ. ނަތީޖާއަކަށް ވަނީ، އަސްލު މައްސަލަ ބޮޑާކަމާއި ހިތްހަމަނުޖެހުމުގެ ދަށުގައި ވަޅުލެވި، ދެމީހުންނަށްވެސް އެކަކު އަނެކަކު ފަހުމްނުވުމުގެ އިޙުސާސް ކުރެވުމެވެ.

ފަހަރުގައި މިއީ “އަހަރެން ރަނގަޅު” އޮލިމްޕިކްސްއަށް އަލްވަދާއު ކިޔަންވީ ވަގުތެވެ. އޭގެ މާނައަކީ ކޮންމެ އިޙުސާސެއް ވަގުތުން ބަޔާންކޮށްދޭން ޖެހުމެއް ނޫނެވެ. ބައެއް ފަހަރު އިޙުސާސްތައް ދެނެގަތުމަށް ވަގުތު ބޭނުންވުމަކީ ހަމަޖެހޭ ކަމެކެވެ. ވަގުތު ބޭނުންވުމާއި، ހަނުހިމޭންކަން އަދަބެއްގެ ގޮތުގައި ބޭނުންކުރުމާ ދެމެދު ވަރަށް ބޮޑު ތަފާތެއްވެއެވެ.

މިވެސް ކިޔާލަން:  ރޭގަނޑު ކަދުރާއެކު ހޫނު ކިރު ބުއިމުގެ ފައިދާ

“އަހަރެން ހިތްހަމަނުޖެހިފައި މިހުރީ، އެކަމަކު ވާހަކަދެއްކުމުގެ ކުރިން ކުޑަ ވަގުތުކޮޅެއް ބޭނުންވޭ،” މިހެން ބުނުމަކީ މުއާމަލާތް ކުރުމެވެ. އިޙުސާސްތައް ފޮރުވައިގެން ހުރެ، އަނެކާ އެކަން ހޯދާނެ ކަމަށް އުންމީދު ކުރުމަކީ މުޅިން ތަފާތު ކަމެކެވެ.

ސިއްޙަތު ރަނގަޅު މުއާމަލާތަކަށް ބޭނުންވަނީ ފުރިހަމަ ބަސްތަކެއް ނޫނެވެ. އެއަށް ބޭނުންވަނީ “އެކަމުން އަހަރެންގެ ހިތުގައި ޖެހިއްޖެ”، “އަހަރެން އެކަނިވެރިވި ކަމުގެ އިޙުސާސް ކުރެވިއްޖެ”، ނުވަތަ “ރުޅި އާދެވުނު ސަބަބެއް ނޭނގެ، އެކަމަކު މިއަދަކީ ވަރަށް އުނދަގޫ ދުވަހެއް” ފަދަ ބަސްތައް ބުނުމުގެ ހިތްވަރެވެ.

މި ބަސްތަކަކީ އަޑުއަހަން މާ ފުރިހަމަ ބަސްތަކަކަށް ނުވެދާނެއެވެ. ނަމަވެސް، މިއީ ބޮޑެތި ވަޢުދުތަކަށްވުރެ ބޮޑަށް ގާތްކަން އުފައްދައިދޭ ބަސްތަކެކެވެ. ހަޤީޤީ ގާތްކަމަކީ އަނެކާ ލަފާކުރާނެ ކަމަށް މަޑުކުރުމުގެ ބަދަލުގައި، އަމިއްލަ ހިތުގެ ހާލަތު ބަޔާންކޮށްދިނުމެވެ.

ހަމައެއާއެކު، މީހަކު ދެކެ ލޯބިވުމަކީ އެމީހެއްގެ ކޮންމެ އިޙުސާސެއް މާނަކޮށްދިނުމުގެ ޒިންމާ ނެގުމެއް ނޫނެވެ. ދެމީހުންނަށް އެކަކު އަނެކަކަށް އެހީތެރިވެވިދާނެއެވެ. ނަމަވެސް އެކަކު އަނެކަކަށް ބޭނުންވާ ކަމެއް ހޯދުމަށްޓަކައި އަބަދު ހިތުގެ ކުޅިވަރެއް ކުޅޭކަށް ނުޖެހޭނެއެވެ.

ފަހަރުގައި “އަހަރެން ރަނގަޅު” އޭ ބުނުމުން ދެވޭނެ އެންމެ ރަނގަޅު ޖަވާބަކީ ތަހުޤީޤު ކުރުމެއް ނޫނެވެ. ނުވަތަ މުޅިން ދުރަށް ދިޔުމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި ސާދާ ގޮތަކަށް ބުނެވިދާނެއެވެ. “އެންމެ ރަނގަޅު. މިވަގުތު ވާހަކަދައްކަން ބޭނުން ނޫންނަމަ އެންމެ ރަނގަޅު. ތައްޔާރުވީމަ އަހަރެން މިހުރީ ތި ވާހަކަ އަޑުއަހަންކަން ހަނދާންކުރާތި.” މިގޮތުން، މަޖުބޫރުކުރުމެއް ނެތި ވާހަކަދެއްކުމުގެ ފުރުސަތު ހުޅުވާލެވެއެވެ.

މިވެސް ކިޔާލަން:  ކޮމިކް ރޯލުތަކަށް މަޝްހޫރު ހަމްދާން ކައިވެނިކޮށްފި، މަރުޙަބާ

ލޯބީގެ ގުޅުމަކީ ދުވަހަކުވެސް ރުޅިނައުމެއް، ނުވަތަ އޮޅުންނޭރުމެއް، ނުވަތަ އަބަދުވެސް އަނެކާ ބޭނުންވާ ގޮތް އެނގުމެއް ނޫނެވެ. އެއީ ހަޤީޤަތުގައި ވާނުވާ ބަޔާންކޮށްދޭން ކެރޭ ފަދަ އިތުބާރެއް އުފެއްދުމެވެ. އަދި އަނެކާ ވާހަކަދައްކަން ފެށުމުން ކެތްތެރިކަމާއެކު އަޑުއެހުމެވެ.

ވީމާ، ދެން ފަހަރަކުން ގިނަ ޝަކުވާތަކެއް ހިތުތެރޭގައި ފޮރުވައިގެން ހުރެ “އަހަރެން ރަނގަޅު” އޭ ބުނަން ހިތަށް އަރާ ހިނދު، މި މުބާރާތުން ދުރަށް ޖެހިލާށެވެ. ހަނުހިމޭންކަމުގެ މުބާރާތުން މޮޅުވުމަކީ އަބަދު މުހިންމު ކަމެއް ނޫނެވެ.

ބައެއް ފަހަރު ހަޤީޤީ ކާމިޔާބީއަކީ މިއެވެ.

“އަހަރެން ރަނގަޅެއް ނޫން. އެކަމަކު އަހަރެމެން ދެމީހުންގެ ގުޅުން ރަނގަޅުވާން އަހަރެން ބޭނުން.”

ފަހަރުގައި ލޯބީގެ ގުޅުމެއްގައި ހާސިލުކުރަން އެންމެ އެކަށީގެންވާ ކާމިޔާބީއަކީ މިއީއެވެ.

އަހަރެމެންގެ ހިތްތަކަކީ އަނެކާއަށް ފެންނަން ހުންނަ ފޮތްތަކެއް ނޫނެވެ. އެހެންކަމުން، “އަހަރެން ރަނގަޅު” އޭ ބުނެ އިޙުސާސްތައް ފޮރުވުމުގެ ބަދަލުގައި، ތެދުވެރިކަމާއެކު އަމިއްލަ ނަފްސު ހުޅުވާލުމަކީ ގުޅުން އިތުރަށް ވަރުގަދަވެ، އިތުބާރު ބޮޑުވާނެ ކަމެކެވެ.

ލޯބީގެ ގުޅުމަކީ އެކަކު އަނެކަކަށް މޮޅުވުމަށް ކުރާ މުބާރާތެއް ނޫނެވެ. އެއީ ދެމީހުން އެކުގައި، އެކަކު އަނެކަކަށް ފަހުމްވެ، އޯގާތެރިކަމާއެކު ކުރިއަށްދާ ދަތުރެކެވެ. އެހެންކަމުން، ބައެއް ފަހަރު “ރަނގަޅު ނޫން” ކަމަށް އެއްބަސްވުމަކީ، މުޅި ގުޅުން “ރަނގަޅު ކުރުމަށް” އެޅޭ އެންމެ ހަރުދަނާ ފިޔަވަޅެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top