ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެވަނަ މެޗުން މޮޅުވެ ދެއްވަދޫ އެއްވަނައިގައި ހަމަޖެހިލައިފި 
މެޗުގެ މޮޅު ކުޅުންތެރިޔާ ހުސައިން މިފްރާހް ވަހީދު / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގައި އެ ޓީމުން ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ދެއްވަދޫ ލީގު ބުރުގެ އެއްވަނައިގައި ހަމަޖެހިލިއިރު، ވިލިނގިލިން އެ ޓީމުގެ ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ. މި އަތޮޅުގެ ދެ މެޗެއް އިއްޔެ އާއި ރޭ ވަނީ ކުޅެފަ އެވެ. މި ދެ މެޗަށް ބަލާލާއިރު:

މެޗު 3

އިއްޔެ ހަވީރު ކުޅެވުނީ މި އަތޮޅުގެ ތިންވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ ދެއްވަދޫ އާއި ކޮނޑޭ އެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ދެއްވަދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ކޮނޑޭ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުން ދެއްވަދޫ މޮޅުވީ އުނދަގުލުން ނަމަވެސް، މި މެޗު ދެއްވަދޫ ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއިއެކު ތަފާތު ބޮޑު ނަތީޖާއަކުން ނެވެ.

މުޅި މެޗު އެ ޓީމުގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން ކުޅުނު ދެއްވަދޫން ވަނީ މެޗު ފަށައިގެން މާ ގިނައިރެއް ނުވެ ލީޑު ނަގާފަ އެވެ. ތިންވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އިމްރާން އެވެ. ފުރަތަމަ ލަނޑު ޖެހިތާ ފަސްވަރަކަށް މިނިޓް ފަހުން މުޙައްމަދު އިމްރާން ވަނީ ދެއްވަދޫގެ ލީޑު ފުޅާކޮށްދީފަ އެވެ. ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތްކުރި ކޮނޑޭއަށް މާބޮޑު ކަމެއް ނުކުރެވި އުޅެނިކޮށް 15 ވަނަ މިނިޓްގައި އަޙްމަދު ރާހިލް ރަޝީދު އަދި 16 ވަނަ މިނިޓްގައި ޢަލީ އައިމަން ދެއްވަދޫއަށް އިތުރު ދެ ލަނޑު ޖަހައިދިނެވެ.

މިވެސް ކިޔާލަން:  އެމްއޭސީއެލް އާއި އެސްޓީއޯއަށް ފަސޭހަ މޮޅެއް

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ދެއްވަދޫ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ދެއްވަދޫގެ ބިދޭސީ ކުޅުންތެރިޔާ ޢަލީ ޚޮދާދީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހިއިރު، މި މެޗުގައި ކޮނޑޭއިން ޖެހި ހަމައެކަނި ލަނޑު 34 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ ޢަބްދުލް މޫމިން އަޙްމަދު އެވެ. މެޗުގެ ފަހުކޮޅު އަޙްމަދު ރާހިލް ރަޝީދު ޖަހައިދިން އޭނާގެ ދެވަނަ ލަނޑާއިއެކު މި މެޗު ނިމުނީ 6-1 އިން ދެއްވަދޫ މޮޅުވެގެން ނެވެ. މި އަތޮޅުގެ ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ހަ ޕޮއިންޓް ހޯދައި ދެއްވަދޫން ވަނީ އެއްވަނައިގައި ހަމަޖެހިލައިފައެވެ. އެ ޓީމާއި އެންމެ ގާތުން ވާދަކުރާ ގެމަނަފުށްޓަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެއްވަދޫ ޓީމުގެ އަޙްމަދު ރާހިލް ރަޝީދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޙްމަދު ރާހިލް ރަޝީދު / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

މެޗު 4

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ގެމަނަފުށްޓާއި ވިލިނގިއްޔެވެ. މިއީ މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ފުރަތަމަ މެޗު ގެމަނަފުށި ކާމިޔާބު ކުރިއިރު، ވިލިނގިލި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވީ ބައްޔެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ވިލިނގިލިން ނެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފުގައި، އެއިން ފުރުސަތެއް ބޭނުން ކުރެވޭވަރުވީ ވިލިނގިއްޔަށެވެ. 11 ވަނަ މިނިޓްގައި ވިލިނގިލިން މެޗުގެ ލީޑު ހޯދި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުސައިން މިފްރާހް ވަހީދު އެވެ.

މިވެސް ކިޔާލަން:  ނޯތު މާލޭ ޒޯންގެ ކުޅުން ފަށައިފި

ނަތީޖާ ހަމަހަމަކުރުމަށް ގެމަނަފުށިން ކުރި މަސައްކަތް ކާމިޔާބުވީ ދެވަނަ ހާފުގަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ގެމަނަފުށްޓަށް މި ލަނޑު ޖަހައިދިނީ އަޙްމަދު ސުދައިސް ޒުބައިރު އެވެ. ފަހަތުން އަރައި ނަތީޖާ ހަމަހަމަކުރި ގެމަނަފުށިން ވަނީ 30 ވަނަ މިނިޓްގައި ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަލީ ޝާޒް ހަބީބް އެވެ. މި ނަތީޖާއާއެކު ނިމިދާނެކަމަށް ހީކުރެވުނު މި މެޗުގެ އިތުރު ވަގުތުގައި ވިލިނގިލިން ވަނީ ލަނޑެއް ޖަހައި، މުބާރާތުގެ ފުރަތަމަ ޕޮއިންޓް ހޯދާފަ އެވެ.

2-2 އިން އެއްވަރުވެގެން ނިމުނު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލިނގިލި ޓީމުގެ ހުސައިން މިފްރާހް ވަހީދު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top