“މިހިރަ އެތީގެ ކަންތައް. ކިތައް ފަހަރު މަ ބުނިން މީނަ މައިތިރި ކުރާށޭ. މުޅި މި ޢާއިލާ ފަޟީހަތްވާނެއޭ މީނާގެ ސަބަބުން. މިހާރު ކިހާ ރީތި. ހީވަނީ ދުވަހަކު ފިރިހެނަކު ނުފެންނަ މީހަކަށް ފިރިހެނަކު ފެނިގެން އުޅޭހެން. ފުރަތަމަ ތިމާގެ ބައްޕަ. ދެން އޭނާ ސަލާމަތްކުރަން މަސައްކަތްކުރި މީހާ. މާދަމާ ނޫން ކަމެއް ވެސް ނޭނގި އަހަރުމެން ތިން މީހުން ތެރެއިން މީހަކު އަނެއްކާ ގެންދާނީ. ލަދެއް ވެސް ނުގަނައޭ ދޯ އެ ވައްތަރަށް ތެޅޭއިރު. އެވަރުން ވެސް ނާއިމް ވެސް ތި ހުންނަނީނު އޭނާ ބޭނުން އެއްޗެއް ހަދަން ފުރުސަތު ދީގެން. އެވަރަކުން އެ ނިފާރަކާއިހެދި ތެޅިބާލަން އެ ދެން މީހެއްތަ؟” ހިތްހަމަނުޖެހުމާއިއެކު ޔަޒީދާއަށް ބަލާލަމުން ސުނޭހާ ނިންމާލި އެވެ.
“ކަލެއަށް ނިފާރާއި ނީނދެވުން އެއީ އަހަރެންގެ މައްސަލައެއް ނޫން. އެއީ ކަލެ އާއި ކަލޭގެ ބަފަޔާ ދެމީހުންގެ ކަމެއް. އެކަމުގެ ރުޅިގަނޑު އަހަރެންނަށް ބާލާނެކަމެއް ނެތް. ފެންވަރު އޮޅިގެން ނޫޅެ ހަމަ ބިމަށް ތިރިވޭ.” ހިތްހަމަނުޖެހުމާއިއެކު ސުނޭހާއާ ދިމާއަށް އައި ޔަޒީދާ ދިނީ އިންޒާރެވެ.
“އޭތް. މާ ހަޔާތް ކެނޑިގެން ނުތެޅި ހުރޭ. އަހަރެން ވެސް ކަލޭގެ މައިންބަފައިންނަކާ ނުބެހެން.” ޔަޒީދާގެ ވާހަކަތައް އަޑު އިވިފައި ސުނޭހާއަކަށް ކެތެއް ނުވި އެވެ.
“ނާއިމް! ސުނޭހާ ގޮވައިގެން ކޮޓަރިއަށް ދޭ. ޔަޒީދާ އާދޭ.” ކޮޓަރިން ނުކުތް ރާނިޔާ ވާހަކަ ދެއްކީ ނާއިމާއި ޔަޒީދާއާ އެވެ.
ޖިހާދު ހައްޔަރުކުރި ޚަބަރު ލިބުމާއިއެކު ގޭތެރޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި އެވެ. މަންމަ އާއި ކޮއްކޮގެ ހާލަތު ބަލައި އެމީހުންނަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެ އިތުރު މީހަކު ނުހުންނާނެކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ސުނޭހާ އެވެ. ސުނޭހާއަށް ވިސްނައިދީ އޭނާ ހަމައަކަށް އެޅުވުމަށް ނާއިމް ކުރަމުންދިޔަ މަސައްކަތަށް އެކަށީގެންވާ ކާމިޔާބެއް ކުރިއެރުމެއް ނުލިބުނަސް ނާއިމް ބުނިގޮތް ހަދައި އޭނާއާއެކު ސުނޭހާ އޭނާގެ ގެއަށް ދިޔަ އެވެ.
“މަންމާ! އަހަރެން ބޭނުމެއް ނޫން އެގޭގައި އުޅޭކަށް. އަހަރެން ދެން އުޅޭނީ މިގޭގަ. އަހަރެންނާއިއެކު އުޅެން ބޭނުމިއްޔާ ނާއިމް ޖެހޭނީ މިގެއަށް ބަދަލުވާން.” ސަލްމީނާ އާއި ބައްދަލުވުމާއިއެކު ސުނޭހާ އޭނާގެ ނިންމުން އިއްވާލި އެވެ. މިހާރުން މިހާރަށް ނާއިމަށް އަންގަން ޖެހޭ އެންގުން ވެސް އެންގި އެވެ. ގެއަށް އާދެވުނުއިރު އޭނާ ހުރީ އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން ކަހަލަ އެވެ.
ލިބުނު ހައިރާންކަމާއިއެކު ސުވާލުތަކުން ފުރި ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައި ނާއިމަށް ހުރެވުނީ އެވެ. އެފަދަ ކަމެއް މެދުވެރި ވެދާނެ ކަމަކަށް އޭނާ ކުޑަކޮށް ވެސް ހިޔެއް ނުކުރެ އެވެ.
ވަކީލުންނާއި ބައްދަލުކުރަން ނިފާރު ދިޔައީ ހައިފާމެން މިރެއަށް ޚާއްސަކޮށްގެން ކުއްޔަށް ނަގާފައިހުރި ކޮޓަރި އަށެވެ. އެ ބައްދަލުވުމުގައި ނިފާރާއި ދެ ވަކީލުންގެ އިތުރުން ހައިފާ އާއި ވަލީދު ވެސް ބައިވެރިވި އެވެ. އާދައިގެ ގޮތަކަށް ހަދާފައިވާ އެގޭގެ ދެވަނަ ފަންގިފިލާގައި ކުއްޔަށްދޭ ދެ ކޮޓަރި ހުއްޓެވެ. ކޮޓަރީގެ ބޭރަށް ވާގޮތަށް ކުޑަކުޑަ ވެރެންޑާއެއް ހަދާފައިވާއިރު އެތަނަށް ނުކުތުމުން އެގެ އާއި ގުޅިފައިވާ ހިމަހިމަ ގޯޅިގަނޑު ފެންނަން އޮވެ އެވެ.
ދިމާވެގެން އުޅޭ ކަންތަކާއި ބެހޭގޮތުން ވާހަކަ ދައްކައި މަޝްވަރާކޮށް އެކަމާއި ގުޅުންހުރި ލިޔުންތައް ބަލައި ދިރާސާކުރުމަށް އެތައް ވަގުތެއް ހޭދަވި އެވެ. ލިޔުންތަކުން ލިބުނު މަޢުލޫމާތާއި އިވިފައިވާ ވާހަކަތަކާއި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ސުވާލު އުފައްދާނެ އެތައް އާ ކަމެއް ފެންމަތިވި އެވެ. ނޭވާ ހިފަހައްޓާލައިގެން އިން ނިފާރަށް އެކަން ކާމިޔާބުވާނެކަމުގެ ޔަގީންކަން ވަކީލުން ދެމުން ދިޔައިރު އެކަމާއި ގުޅުންހުރި ކޮންމެ ލިޔުމެއް ހައިފާ ވެސް ވަކިވަކިން ބަލައި ދިރާސާކުރަމުން ދިޔަ އެވެ. އެކަމާއި ގުޅިގެން ހޯދަންޖެހޭ ބައެއް މަޢުލޫމާތު ފޯނުން ބަލައި ހޯދަމުން ދިޔައިރު ކޮންމެ ވެސް އެއްޗެހިތަކެއް ނޯޓު ކުރަމުން ވެސް ދިޔަ އެވެ.
އެގާރަ ޖަހަންދެން ކުރިޔަށްދިޔަ އެ ބައްދަލުވުން ނިންމާލުމަށްފަހު ވަކީލުން ވަކިވެގެން ދިޔަ ނަމަވެސް ހައިފާމެން ތިން މީހުން އެތަނުގައި މަޑުކުރި އެވެ.
“އޭގަ އެބަހުރި ވަރަށް ބޮޑެތި ގޯސްތަކެއް. އެއްބަސްވުމުގައި ހުރި ބައެއް ސޮއިތަކާއިމެދު އަހަރެންނަށް ޝައްކު. ދައުލަތުގެ އިސް މަގާމްތަކުގައި ތިބި އެކަމާއި ގުޅުންހުރި ބައެއް ބޮޑުންގެ އަތެއް އެކަމުގައި ވާނެކަން އަހަރެންނަށް ޔަގީން.” ފޯނާއި ދިމާއަށް ބަލަހައްޓައިގެން އިން ހައިފާ ވާހަކަ ދެއްކީ އޭނާއަށް ހީވި ހީވުމެއްގެ މައްޗަށް ބުރަވެ އެވެ.
“ކީއްވެ ތިހެން ތިބުނީ؟ ތި ހުންނަނީ ވަރަށް ބޮޑެތި ވާހަކަ. އެކަހަލަ ވާހަކަ ދައްކަންވާނީ ވަރަށް ރަނގަޅަށް ބަލައި ޔަގީންކޮށްފަ.” ސުވާލު އުފެދުނަސް ވަލީދު މަސައްކަތްކުރީ ހައިފާއަށް ވިސްނައިދޭށެވެ.
ފޯނަށް ބަލަހައްޓައިގެން އިން ހައިފާ މަސައްކަތްކުރީ ކޮންމެ ވެސް މީހަކަށް ގުޅޭތޯ އެވެ.
“އައްސަލާމް ޢަލައިކުމް. ނާހިދުއާ ބައްދަލު ކޮށްލެވިދާނެތޯ؟” ފޯނު ސްޕީކަރަށް ލަމުން ހައިފާ ބަލާލީ ވަލީދަށެވެ.
“ހައިފާ ދައްކާ ވާހަކަ. ކޮންއިރަކުތަ އަހަރެންނާ ބައްދަލުކުރަން ހައިފާ ހުއްދަ ހޯދާގޮތަށް ހަމަޖެއްސީ؟ ކޮންތާކަށް ދާންވީ؟” އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ. ވާހަކަތަކަށް ބަލާއިރު ހައިފާ ދަންނަ މީހަކާއި ކިތަންމެހާ ވެސް ވައްތަރެވެ.
“އެޑްރެސް އެބަ މެސެޖްކޮށްލަން.” ހައިފާ ފޯނު ކަނޑާލި އެވެ.
އެ ނަންބަރަށް މެސެޖެއް ކޮށްލަމުން ހައިފާ ނުކުތީ ކޮޓަރީގެ ވެރެންޑާއަށެވެ. އިތުރު ވާހަކަ ދައްކާކަށް، އޭނާ ބުނެގެން އަންނަނީ ކާކުކަން ތަޢާރަފުކޮށްދޭކަށް ވެސް ސަމާލުކަމެއް ނުދިނެވެ.
ހައިފާގެ ދަޢުވަތަށް އައި ނާހިދަށް ނިފާރު ފެނުމާއިއެކު އޭނާ ދިޔައީ ސިއްސައިގެން ނެވެ. ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް އިރުކޮޅަކު ހުއްޓެވެ. ހައިރާންކަމާއިއެކު ސުވާލުތަކުން ފުރިފައިވާ ފަދައަކުން ހައިފާއަށް ބަލާލަމުން ކިހިނެއް ވީހޭ އަހާލީ ވެސް އިރުކޮޅެއް ފަހުން ނެވެ.
“ނިފާރު ދަންނަންތަ؟” ނާހިދުގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ހައިފާ ވެސް ކުރީ ސުވާލެކެވެ. ނިފާރު ފެނުމުން ނާހިދަށް ވީގޮތް އޮޅުންފިލުވުން އޭނާއަށް ކިތަންމެހާ ވެސް މުހިންމެވެ.
“މު.. މުހު.. މުހުތާރުގެ ދަރިއެއް ދޯ؟ ވަކަރު އިންވެސްޓްމެންޓްގެ އޯނަރު.” ނާހިދު ބަލާލީ ހައިފާއަށެވެ.
އާނއެކޭ ބުނާ ފަދައަކުން ބޯ ޖަހާލަމުން ހައިފާ ބަލާލީ ނިފާރަށެވެ. ނިފާރަށް އިތުރު ހިތްވަރެއް ލިބުނެވެ. އޭނާގެ ބައްޕައަކީ ކިހާވަރެއްގެ މީހެއްކަން ދަންނަ އެހެން މީހަކާއި ބައްދަލުވީ އެވެ.
“މުހުތާރު ނެތް ދުނިޔެއެއްގަ މުހުތާރުގެ މުދާ އެއްވެސް ބަޔަކަށް ދިނުމަށް އޭނާ ތައްޔާރުކުރި އެއްވެސް ލިޔުމެއްގަ ރަސްމީ ހައިސިއްޔަތުން ނުވަތަ އެހެން ވެސް ހައިސިއްޔަތަކުން ސޮއި ކުރިންތަ؟” ފޯނަށް ބަލަހައްޓައިގެން ހުރި ހައިފާ ސުވާލުކުރަމުން ނާހިދަށް ބަލާލި އެވެ.
“އާން.. ކިހިނެއްވީ؟” ނާހިދުގެ ކިބައިން ފެނުނީ ހައިރާންކަމެވެ.
ވެގެން އުޅޭގޮތް ނާހިދަށް ކިޔައިދިނުމުގައި ނިފާރުގެ އިތުރުން ހައިފާ އާއި ވަލީދު ވެސް ބައިވެރިވި އެވެ. އިވެމުންދިޔަ ވާހަކަތަކުން ލިބެމުންދިޔަ ހައިރާންކަމާއިއެކު އުފެދެމުންދިޔަ ސުވާލުތައް ވެސް އެހާމެ ގިނަ އެވެ. އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލައި މަކަރު ހަދާފާނެ ކަމަކަށް އޭނާ ދުވަހަކު ވެސް ހިޔެއް ނުކުރެ އެވެ. މަކަރުވެރި ނުބައި ނުލަފާ ދިވެހިން ވެސް އުޅެ އެވެ. އެކަމަކު އެވަރުގެ ބަޔަކު އުޅެދާނެ ކަމަކަށް އޭނާގެ ހިތަށް ވެސް ނާރަ އެވެ.
“ތިއީ ބޮޑު އޮޅުވާލުމެއް. ބޮޑު ޖަރީމާއެއް. ތިކަމުގަ އަހަރެން ދާނަން ކޯޓަށް. އެމީހުންނާއި ދެކޮޅަށް ދަޢުވާ ކުރާނަން. އެ ދެ މީހުންނަށް މުހުތާރުގެ މުދަލާއި ދެ ގޯތި ދޭކަށް މުހުތާރު ނުނިންމާ. ތި އޮތީ ސޮއި ވަގަށް ނަގާފަ. އަލީފް ކައިރީ އެހިޔަސް ބުނާނީ މިހެން. ތިވަރުގެ ކަމެއް ހިނގާދިޔައިރު އެއްވެސް މީހަކު ތިޔަ ކަހަލަ ވާހަކައެއް ނުވެސް ދައްކާ. މިހާ ދުވަސްވީރު ނިފާރު ކޮންތާކު އުޅުނީ؟ ޙައްޤު ހޯދަން އެއްވެސް މަސައްކަތެއް ނުކޮށް ތިހުރީ ކީއްވެ؟” ސުވާލުކުރަމުން ނާހިދު ބަލާލީ ނިފާރަށެވެ.
ނާހިދުގެ ވާހަކަތަކުގެ ސަބަބުން ނިފާރުގެ އުންމީދު އާވި އެވެ. އިތުރު ހިތްވަރެއް ލިބުނެވެ. ހައިފާގެ ބުނުން ކިހާ ސީދާކަން އެނގުނުއިރު ހިތާހިތުން ހައިފާއަށް ތަޢުރީފު ކުރެވުނެވެ. އޭނާގެ ކަންކަމަށް އެ ޢާއިލާއިން ދެމުންދާ ސަމާލަކަމަށް ޝުކުރު އަދާކުރެވުނެވެ.
“ރީތި ގޮތަކަށް މިފަހަރު މިކަން ނިމޭނެ.. އެވަރަށް މަ އާދޭސް ކުރީމަ ވެސް ތިމާވަރުގެ މީހަކު ނެތިގެން.. ލަދުން ބޯ ހަލާކުވާވަރުވޭ. އާދޭސް ކުރިން ތިހެން ނުހަދާށޭ. މީހުންގެ ޙައްޤުތަކަށް އަރައިގަންނާކަށް ނުވާނެއޭ. މާދަމާ ވެސް މި ނޫން ދުވަހެއް އަތުވެދާނެއޭ. އޭނާގެ ދަރިފުޅު ހޯދައި އޭނާގެ ޙައްޤު އަދާކޮށްދޭށޭ.. މަމީ ޖިހާދޭ.. މަމީ ޖިހާދޭ.. މަށާ ކުޅެވޭނެ މީހަކު ނުހުންނާނޭ ގޮވަމުން.. މިތާކު ދެން މާގިނަ ދުވަހަކު ނުތިބެވޭނެ.. ރަށަށް ދާން ތައްޔާރުވޭ.” ސުނޭހާމެނާއި ދިމާއަށް ބަލަހައްޓައިގެން އިން ސަލްމީނާގެ ކިބައިން ފެނުނީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމެވެ.
“މަންމަ ތި ބުނި އެއްޗެއް އަހަރުމެނަކަށް ނުވިސްނުނު. ކީކޭ ތި ކިޔަނީ؟ ތަންކޮޅެއް ތަފްސީލުކޮށް ކިޔައިދީބަލަ.” ސަލްމީނާ އެ ދައްކާ ވާހަކައެއް ސުނޭހާ އާއި އަލްނާއަކަށް ނުވިސްނުނެވެ.
“އަދި ވިސްނޭނެ. މިއިން އެއްވެސް ކަމެއް ނިފާރަކަށް ނޭނގޭ. އެއްވެސް މީހަކު ބުނެވެސް ނުދޭ. އެއިން ވާހަކައެއް ދައްކަން ބޭނުންވާ މީހަކު ވެސް ނޫޅޭ. ކޮންމެ މީހަކު ވެސް އުޅުނީ އަތުޖެހުނު އެއްޗެއް ކާލައިގެން ތިމާގެ ބޮނޑި ބޮޑުކުރެވޭތޯ. ވަރަށް ފަހުން އަހަރުމެންނާއި ދިމާވެގެން މި ވާހަކަ ދެއްކީމަ މިހާރު އެކަމާއި އެ އުޅެނީ. އަހަރުމެން ބޭނުން ނާހިދުގެ އެހީ ވެސް.” ކަންތައް ދިމާވިގޮތް ކިޔައިދިނީ ވަލީދެވެ.
“އަހަރެން އެހީވާނަން. އަލީފުގެ އެހީވެސް ހޯދައިދޭނަން. ތި އޮތީ އަހަރެންގެ ސޮއި ވަގަށް ނަގާފަ. އަހަރެންގެ ސޮއިން ވައްކަންކޮށް އެ ސޮއި ބޭނުންކޮށްގެން ބޮޑު ޖަރީމާއެއް ވެސް ހިންގާފަ. އެއްވެސް ކުށެއް ނެތް މީހަކަށް ބޮޑު އަނިޔާއެއް ދީފަ. އެ މީހުންނަށް ސަލާމަތެއް ނުވެވޭނެ. އެ މީހުންނާއި ދެކޮޅަށް އަހަރެން ދަޢުވާ ކުރާނަން.” ނާހިދުގެ ކިބައިން ފެނުނީ ހިތްހަމަނުޖެހުމެވެ. ކަންތައްތައް ވެފައިވާ ގޮތް ފެނުނު ހިސާބުން އެތައް ކަމެއް ބަދަލުވެގެން ހިނގައްޖެ އެވެ.
ނިފާރު ބޭނުންވި ގޮތަށް ކަންތައްތައް ހަމަޖެހުމުން އޭނާ ހުރީ ނުހަނު ހިތްހަމަޖެހިފަ އެވެ. އެކަމުގައި ވަލީދުމެން އޭނާއަށް ދެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުމަށް އޭނާ އެތައް ފަހަރަކު ޝުކުރު އަދާކުރި އެވެ. އެކަން ދުވަހަކު ވެސް ހަނދާން ނައްތާނުލާނެކަމުގެ ޔަގީންކަން ވެސް ދިނެވެ.
މިރެއިން މިރެއަށް ބާއްވަންޖެހޭ ބައްދަލުވުންތައް ނިންމާލުމަށްފަހު ހައިފާމެން އެތަނުން ނުކުތްއިރު ބާރަ ވެސް ޖަހައިފި އެވެ. ވަކިވުމުގެ ކުރިން ނިފާރާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބޭނެކަމަށް ހައިފާ ބަލައިގެން ހުރި ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ކުލީ ކާރެއްގައި ހައިފާމެން ކޮޓަރިއަށް ފޮނުވާލުމަށްފަހު އެހެން ކާރަކަށް އަރައިގެން ނިފާރު ދިޔަ ތާކަށް ގޮސް އޮބާލީ އެވެ.
ވަގުތާއި ހާލަތުގެ ގޮތުން ނިފާރާއި ވާހަކަ ދައްކަން މަޑުކުރުން އެންމެ ރަނގަޅު ނޫންކަން ވިސްނުމުން ހައިފާ މަސައްކަތްކުރީ ނިފާރަށް ފޯނު ކުރާށެވެ. ފޯނުން ނަމަވެސް ނިފާރާއި ވާހަކަ ދައްކާލައި އޭނާގެ ހިތުގެ އެދުމަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭނެ މަގެއް ފެނޭތޯ ބަލައިލާށެވެ. މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެސް އެއީ އެވެ.
ކޮޓަރިއަށް ވަދެ ހަމަޖެހިލަމުން ނިފާރުގެ ނަންބަރަށް ހައިފާ ގުޅާލި އެވެ.
(ނުނިމޭ)
