ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިސްއިން އިންތިޒާމްކޮށްގެން ބާއްވާ ރާއްޖެ ސުޕަރ ލީގު 2026 ވޮލީބޯޅަ މުބާރާތުގެ، ފިރިހެން ޑިވިޝަންގެ ފައިނަލުން ގޮއިދޫ އާއި ފެލިދޫ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މިއަދު ހަވީރާއި މިރޭ ކުޅެފައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެލިދޫ އާއި ހިރިލަންދޫ އެވެ. މި މެޗު ފެލިދޫ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބުނު ގޮތަށް ބަލާލާއިރު ފެލިދޫއަކީ ގުރޫޕް އޭގެ އެއްވަނަ ޓީމެވެ. އަދި ހިރިލަންދޫ އަކީ ގުރޫޕް ބީގެ ދެވަނަ ޓީމެވެ. މި މުބާރާތުގެ މެޗުތައް ކުޅެމުންދަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައެވެ.
ސެމީ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ފަށައިގެން މޮޅަށް ކުޅުނީ ހިރިލަންދޫއެވެ. ގުރޫޕް ސްޓޭޖްގައި މޮޅު ކުޅުމެއް ދެއްކި ފެލިދޫއަށް މި ސެޓްގެ ކުރީކޮޅު، އެންމެ ރަނގަޅު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ. ލީޑުގައި އޮވެ ކުޅެމުންދިޔަ ހިރިލަންދޫ އާއި ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ފެލިދޫން ނަތީޖާ ހަމަހަމަކޮށް ލީޑު ވެސް ނެގިއެވެ. ދެ ފަހަރު ދެ ޓީމު ކުރީގައި އޮވެ ކުޅެމުންދިޔަ މި ސެޓް ފަހަތުން އަރައި 25-20 އިން ކާމިޔާބު ކުރީ ފެލިދޫއެވެ.
ފުރަތަމަ ސެޓް ފެލިދޫ ގެންދިއުމާއިއެކު ދެވަނަ ސެޓްގެ ވާދަވެރިކަން ބޮޑުވިއެވެ. މި ސެޓް ވެސް ފަށައިގެން ރަނގަޅަށް ކުޅެ ލީޑު ނެގީ ހިރިލަންދޫއެވެ. ސެޓްގެ މެދަކާއި ހިސާބުން ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް ފެލިދޫން ލީޑު ވެސް ނެގިއެވެ. ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި ސެޓް 25-23 އިން ކާމިޔާބުކުރީ ފެލިދޫއެވެ.
ފަހަތުން އަރައި ދެ ސެޓް ފެލިދޫ ގެންދިއުމާއިއެކު ހިރިލަންދޫ ޕްރެޝަރަށް ދިޔައެވެ. ފައިނަލުން ޖާގަ ހޯދުމަށްޓަކައި މި ސެޓުން މޮޅުވުން ނޫން އެހެން ގޮތެއް ނެތް، ހިރިލަންދޫން މި ސެޓްގައި ވެސް ރަނގަޅު ކުޅުމެއް ދެއްކިއެވެ. ތިންވަނަ ސެޓް ހޯދައި މެޗު ކާމިޔާބުކުރުމަށް ނުކުތް ފެލިދޫން ވަނީ މި ސެޓްގެ ކުރީކޮޅު ލީޑު ނަގާފައެވެ. ހިރިލަންދޫން ނަތީޖާ ހަމަހަމަކުރި ނަމަވެސް ފެލިދޫ ކައިރީ ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. ފެލިދޫން ސެޓްގެ ކުރި ހޯދައި 25-19 އިން ތިންވަނަ ސެޓް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެލިދޫ ޓީމުގެ ހުސައިން ވިޝާމެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް – އެފްބީ
ސެމީ ފައިނަލްގެ ދެވަނަ މެޗު މިރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ގޮއިދޫ އާއި ފޮނަދޫއެވެ. ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ގޮއިދޫން ސެމީ ފައިނަލަށް ދަތުރު ކުރިއިރު، ފޮނަދޫއަކީ ގުރޫޕް އޭގެ ދެވަނަ ޓީމެވެ. މުބާރާތުގައި އެ ޓީމު ކުޅުނު ދެ މެޗު ކާމިޔާބުކުރުމުގައި މޮޅު ކުޅުމެއް ދެއްކި ގޮއިދޫން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގެ ފުރަތަމަ ސެޓް ފަށައިގެން ދެ ޓީމުގެ ފަރާތުން ދާދި ހަމަ ކުޅުމެއް ފެނުނު ނަމަވެސް ސެޓްގެ މެދަކާއި ހިސާބުން ގޮއިދޫން ވަނީ ލީޑު ނަގައި އެ ލީޑު ފުޅާކޮށްފައެވެ. ފޯރިގަދަ ވާދަވެރިކަން ބޮޑު ކުޅުމެއް ފެނުނު މި ސެޓް ގޮއިދޫން ކާމިޔާބު ކުރީ 25-23 އިންނެވެ.
ފުރަތަމަ ސެޓް ގޮއިދޫ ހޯދުމާއިއެކު ދެވަނަ ސެޓްގެ ވާދަވެރިކަން ބޮޑުވިއެވެ. ފައިނަލުން ޖާގަ ހޯދުމަށްޓަކައި މޮޅެއް ހޯދުން މުހިންމުވި މި ސެޓްގައި ފޮނަދޫން ކުރީ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދެއްކިއެވެ. ސެޓް ފެށިގޮތަށް ލީޑު ނަގައި އެ ލީޑު ފުޅާކުރިއެވެ. ދެވަނަ ސެޓް ހޯދުމަށްޓަކައި އިތުރު ހިތްވަރެއް ކުރި ގޮއިދޫން ފަހަތުން އަރައި 9-9 އިން ހަމަހަމަކުރިއެވެ. ދެވަނަ ފަހަރަށް ލީޑު ނަގައި ސެޓް ނިންމުމާއި ހަމައަށް ފޮނަދޫން ދިޔަ ފަހުން އަނެއްކާ ވެސް ގޮއިދޫން އެއްވަރުކުރިއެވެ. ސެޓް ނިންމުމުގެ ފުރުސަތު ދެ ފަހަރު ދެ ޓީމަށް ލިބުނު މި ސެޓް ގޮއިދޫން ކާމިޔާބު ކުރީ 26-24 އިންނެވެ.
ދެ ސެޓް ލިބުމާއިއެކު ފައިނަލްގެ އުންމީދު އާވި ގޮއިދޫގެ ފަރާތުން ތިންވަނަ ސެޓްގައި ފެނުނީ އާދަޔާ ޚިލާފު ހިތްވަރެކެވެ. ސެޓް ފެށުމާއިއެކު ނެގި ލީޑުގައި އެ ޓީމުން ހިފަހައްޓާލިއެވެ. ނަތީޖާ ހަމަހަމަކޮށް ސެޓެއް ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ފޮނަދޫން އިތުރުކުރިއިރު، ގޮއިދޫގެ ފަރާތުން ފެނުނީ އެ ޓީމުން އެކަމަށް ސަމާލުކަން ދީގެން ތިބިކަން އަންގައިދޭ ފަދަ ކުޅުމެކެވެ. ފަހަތުން އަރައި ފޮނަދޫން ނަތީޖާ ހަމަހަމަކޮށް ލީޑު ނެގިއެވެ. ތިންވަނަ ސެޓް ހޯދައި ފައިނަލްގެ ޖާގަ ޔަގީންކުރަން މަސައްކަތް ކުރަމުންދިޔަ ގޮއިދޫން އަނެއްކާ ވެސް ލީޑު ނެގިއެވެ. 25-23 އިން ގޮއިދޫން ސެޓް ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ފައިނަލްގެ ދެވަނަ ޖާގަ ލިބުނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ޖަޔާލަތު ބަންޑާރައެވެ.
